ޚަބަރު

ގްރީން ފަންޑުން މިދިޔަމަހު 60 މަޝްރޫއަކަށް 154.9 މިލިއަން ރުފިޔާ


ގްރީން ފަންޑުން މިދިޔަމަހު 60 މަޝްރޫއަކަށް 154.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަމަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ ޖުލައިމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާބަލާއިރު، %378 އިތުރު އަދަދެކެވެ. ސެޕްޓެމްބަރުމަހު ގްރީން ފަންޑުން ޚަރަދުކޮށްފައިވަނީ، 39 މަޝްރޫޢަކަށް، 32.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުމަހު 60 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ފަންޑުން އޮކްޓޯބަރުމަހު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ:

* ށ.ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު – 19.1 މިލިއަން ރުފިޔާ
* ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ވޭސްޓު މެނޭޖްމަންޓު، އޮފިޑު ފޭސް -2 – 7.5 މިލިއަން ރުފިޔާ
* ތ.ވޭމަންޑޫ ފެނުގެ ނިޒާމް ޤާއިމްކުރުމަށް – 6.7 މިލިއަން ރުފިޔާ
* ރ.އިންނަމާދޫ ފެނުގެ ނިޒާމް ޤާއިމްކުރުމަށް – 6.4 މިލިއަން ރުފިޔާ
* ށ.ފީވަށް ފެނުގެ ނިޒާމް ޤާއިމްކުރުމަށް – 6.2 މިލިއަން ރުފިޔާ

އޮކްޓޯބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، އޮކްޓޯބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެ ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 10 މަސް ދުވަސްތެރޭ 820 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އޭގެ ތެރެއިން 727 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އޮކްޓޯބަރުމަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 801 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެެވެ.