ޚަބަރު

ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެމެރިކާއިން ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީ


ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ދިވެހިރާއްޖެއަށް އިތުރު 3 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެއެވެ.

އެމެރިކާއިން ރާއްޖެއަށް މި އެހީ ދިނުމަށް ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީ.އޯ.އޭ.ޖީ) އަށް ގެނައި 9 ވަނަ އިސްލާޙުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ޑީ.އޯ.އޭ.ޖީއަށް 9 ވަނަ އިސްލާޙު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއުއެވެ.

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓަކީ 12 މާޗް 2019 ގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މިހާތަނަށް މި އެއްބަސްވުމަށް 8 އިސްލާހެއް ގެނެސްފައިވާއިރު، މި އެއްބަސްވުމުގެ ތެރެއިން އެމެރިކާއިން މިހާތަނަށް ފޯރުކޮށްދިން އެހީ 25.94 މިލިއަން ޑޮލަރަށް އަރައެވެ.

މި އެއްބަސްވުމަށް ގެނެވުނު 9 ވަނަ އިސްލާޙާއެކު ރާއްޖޭގެ މާލިއްޔަތު ބެލެހެއްޓުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 3 މިލިއަން ޑޮލަރުގެ އެހީ ދިނުމަށްވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި، ބިއުރޯ އޮފް އޭޝިއާގެ ޔޫއެސްއެއިޑްގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރގެ އިތުރުން ޔޫ.އެސް.އެއިޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.