ޚަބަރު

ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ނާއިބު ރައީސް


ކަމާބެހޭ ފަންނީ މަޢުލޫމާތުގެ އަލީގައި ނައިޓްރޮޖެން މެނޭޖްކުރުމަށް ރާއްޖެއިން ސިޔާސަތުތައް ހަދައި ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް، އެސް.އޭ.އެން.އެޗްގެ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ "މޭސިވް އޯޕެން ލާނިންގ ކޯސް" އަދި ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް މޯލްޑިވްސްގެ ކަންޓްރީ ރިޕޯޓް ނެރެދެއްވާފައެވެ. މިކަންޓްރީ ރިޕޯޓްގައި ރާއްޖޭގައި ނައިޓްރޮޖެންގެ ޙާލަތު ހުރިގޮތާއި މެނޭޖްމަންޓް ސްޓްރެޓެޖީތައް ހިމަނާފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ސައުތު އޭޝިއަން ނައިޓްރޮޖެން ހަބްގެ ބައްދަލުވުން ރާއްޖޭގައި ބޭއްވޭތީ އެކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ ނައިޓްރޮޖެން މެނޭޖްކުރުމުގެ ކަންކަން ޢިލްމީ އަދި ދިރާސާގެ މައްޗަށް ބިނާކޮށްގެން ކުރިޔަށްގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަން އެމަނިކުފާނުފާނު ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިސްނަގައިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކަމަށް ތަޢުރީފް ކުރެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅެމުންދާ ނާޒުކު ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޞިނާޢަތްތަކާއި، ވިޔަފާރިތަކަށާއި، ފަރުދުންގެ ޞިއްޙަތާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްވެސް ނުރައްކާ ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުމަށްޓަކައި، އެކި ދާއިރާތަކުން ނައިޓްރޮޖެން މަދުކުރުމުގެ ސިޔާސަތުތައް އެކުލަވާލާއިރު އޭގައި ނައިޓްރޮޖެން މަދުކުރުމުގެ އަމާޒުތައް ކަނޑައެޅުމާއި ނައިޓްރޮޖެންގެ ޙާލަތު އޮތްގޮތް ދެނެގަތުމާއި މި ޕްލޭންތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެކުނު އޭޝިއާގެ އާބާދީ މިހާރު 2 ބިލިޔަނަށް އަރާއިރު 2050 ވަނައަހަރާއި ހަމައަށް އަންނަ އިރު މި ޢަދަދު ދެގުނަ ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ސަރަޙައްދުގައި ދަނޑުވެރިކަމުގެ ތެރޭގައި ބޭނުންކުރާ ނައިޓްރޮޖެންއާއެކު 2050 ވަނަ އަހަރާހަމައަށް ދާއިރު ދުނިޔޭގައި އެންމެ ގިނައިން ނައިޓްރޮޖެން ބޭނުންކުރާ ސަރަޙައްދަކަށްވެސް މި ސަރަޙައްދު ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން މި ސަރަޙައްދުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށްޓާއި، ތަރައްޤީގެ ކަންކަމުގައިވެސް ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެސް.އޭ.އެން.އެޗް.ގެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ އަށް ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. އެއީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.