ޚަބަރު

ބ،އަތޮޅުން ކުއްޔަށް ދިން 4 ފިނޮޅުން އަހަރަކު 2 މިލިއަންނަށް ވުރެ ގިނަ ރުފިޔާ


ބ. އަތޮޅުގައި އޮތް ހިތްގައިމު ފިނޮޅުތަކާ ރަށްރަށުގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށްރަށް މީގެ ކުރިން އެކިއެކި ފަރާތްތަކުން ބޭނުން ކުރަމުން ދިޔައީ އެއްވެސް އުސޫލެއް ނެތްގޮތައްކަމަށާ، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދިން ބާރުގެ ދަށުން އެކަންކަން ހުއްޓުވާ ކައުންސިލަށް މާލީ ބޮޑެތި ކުރިއެރުންތަކެއް މިހާރު ލިބެމުންދާކަމަށް ބ.އަތޮޅު ކައުންސިލުން ބުނެފިއެވެ.

ބ.އަތޮޅަކީ ގުދުރަތީ ގޮތުން ވެށްޓާ ކަނޑުދިރުން އެހާމެ މުއްސަނދިކަމެއް ލިބިފައި އޮތް އަތޮޅެކެވެ. ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ގުދުރަތީ ގޮތުން މިފަދަ ހިތްގައިމު މަންޒިލްތައް ނެތެކޭނޫނެވެ. އެހެންނަމަވެސް ބ.އަތޮޅު ޚާއްސަވަނީ އެއަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން ދިޔަ ހަލުވިމިނަށް ބަލާފައެވެ. އަދި އެއަތޮޅުގެ ކޮންމެ މަންޒިލަކީވެސް މަގުބޫލް ތަންތަން ކަމުގައި ވާތީއެވެ.

ބ.އަތޮޅުގައި ފަތުރުވެރިކަން ފެށީ 1995 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގައި ފަތުރުވެރިކަމުގެ ރިސޯޓްތައް ހިންގާތާ 25 އަހަރުފަހުންނެވެ. އެ އަހަރުން ފެށިގެން މިހާތަނަށް އައިރު 17 ރިސޯޓެއް އެއަތޮޅުގައި އަންނަނީ ހިންގަމުންނެވެ. އަދި އިތުރު 7 ރިސޯޓް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގެސްޓް ހައުސްގެ ވިޔަފާރި 2009 ވަނަ އަހަރު ތައާރްފްވެ، މިހާރު އެއަތޮޅުގައި އޭދަފުށި ފިޔަވައި ހުރިހާ ރަށެއްގައި އެ ވިޔަފާރި އަންނަނީ ކުރަމުންނެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ނިސްބަތުން އެންމެ ފުޅާކޮށް ކުރާ ބ.އަތޮޅުގެ ރައްޔިތުންނަށާ ރަށްތަކަށް އެންމެ އެދެވޭ ފައިދާއެއް ނުކުރުމަކީ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެއީ އެމީހުންނަށްވެސް މާ ބޮޑު ޕްރެޝަރެއް ނެތީމަކަމަށްވެސް ވެދާނެއެވެ.

އެހެން ނަމަވެސް ލާމަރުކަޒީ ޤާނޫނު ވުޖޫދަށް އައިސް ކައުންސިލްތަކަށް ބާރުތަކެއް ލިބިދޭން ފެށުމުން އެކަން މަޑުމަޑުން ކުރިއަރަންވަނީ ފަށާފައެވެ. ކުރިން ފަތުރުވެރިންނަށް ރިސޯޓްތަކާ ގެސްޓަހައުސް ތަކުން ވިއްކި ފިނޮޅުތަކުން މިވަނީ ރައްޔިތުނަށާއި ކައުންސިލްތަކަށް ފައިދާ ވާންފަށާފައެވެ.

ބ.އަތޮޅުގައި އޮތް 7 ފިނޮޅެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން އިއުލާންކޮށް ބިޑްކޮށްގެން ހަތަރު ފިނޮޅެއް މިހާރުވަނީ ކުއްޔަށް ދޫކޮށްފައެވެ. މި ފިނޮޅުތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރައްސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާޙް ވިދާޅުވީ، މީގެ ކުރިން މި ފިނޮޅުތައް ބޭނުން ކުރަމުންއައީ އެއްވެސް އުސޫލެއް ނެތްގޮތައްކަމަށާ، އެކަންމިހާރު ހައްލުވެ ކައުންސިލަށް މާލީގޮތުން ބޮޑު ކުރިއެރުމެއް ލިބެންފަށާފައިވާކަމަށެވެ.

"މީގެ ކުރިން އެއްވެސް ފައިދާއެއް މިތަންތަނަކުން ނުކުރޭ އެކަމު މިހާރު ގާތްގަނޑަކަށް މި ހަތަރު ފިނޮޅުން އެކަނިވެސް އަހަރަކު 2 މިލިއަންނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ، މީ ރައްޔިތުންނަށާ ކައުންސިލްތަކުގެ މާލީ ހާލަތު ރަނގަޅުވެގެންދާނެކަމެއް އުންމީދަކީ އަތޮޅުގައި ހުރިމިފަދަ ތަންތަން ކުއްޔަށް ދޫކޮށްގެން މިއަަށްވުރެވެސް ބޮޑު ނަފާއެއް ކައުންސިލްތަކަށް ނެރެދިނުން" އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާޙް ވިދާޅުވިއެވެ.

ކުއްޔަށް ދޫކުރި 4 ފިނޮޅުގެ ތެރެއިން 3 ފިނިނޮޅު ނެގީ އެއަތޮޅު ރިސޯޓްތަކުންނެވެ. ކުއްޔަށް ދޫކުރީ ލަނޑާ ގިރާވަރު ރިސޯޓް ކައިރީގައި އޮންނަ ގިރާވަރު ދެ ފިނޮޅާ ވިލިނގިލީ ފަރު ފިނޮޅު (ރޯޔަލް ފިނޮޅު) ނުރަ އުފުރިފަރު ފަރުފިނޮޅެވެ.

ނުރައުފުރި ފަރު ފިނޮޅު ދޫކުރީ އަހަރަކަށް އެއްލައްކަ ހަތާވީސްހާސް ހަތަރުސަތޭކަ ނުވަދިހަ ދެ ރުފިޔާ ފަންސާސް ހަލާރި (127،492.56) އަށެވެ. މިތަން ކުއްޔަށް ނެގީ ތިލަދޫ ރިސޯޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

ވިލިގިނލީ ފަރުފިނޮޅު ކުއްޔަށް ނެގީ އަހަރަކަށް 360،000 ތިންލައްކަ ފަސްދޮޅަސް ހާސް ރުފިޔާއަށް އެމްޕަޔަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ.
ގިރާވަރު ދެ ފިނޮޅު ކުއްޔަށް ދޫކުރީ ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް އަށެވެ. މި އިން ކޮންމެ ފިނޮޅަކަށް އަހަރަކު ނުވަލައްކަ ފަންސަވީސްހާސް ދުއިސައްތަ 925،200 ރުފިޔާ ލިބޭގޮތަށެވެ.

މީ މާލީ ގޮތުން ކައުންސިލަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށާ، މިފަދަ އިތުރު މަންޒިލްތައް ދެނެގަނެ އެތަންތަން ކުއްޔަށްދީގެން ރަނގަޅު އާމްދަނީއެއް ކައުންސިލަށް ނެރެވޭނެ ގޮތް ހެދުމަކީ ކައުންސިލްގެ އަމާޒެއްކަމަށް ބ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވެފައި އޮތް ބ،އަތޮޅުން އެންމެ ފުރަތަމަ ފަތުރުވެރިންނަށް ވިއްކަންފެށި އެއްތަނަކީ ހަނިފަރު ހިމެނޭ ސަރަހައްދެވެ. އެވެސް ފަތުރުވެރިކަމުގެ ވިޔަފާރި ބ.އަތޮޅުގައި ފެށިތާ 15 ވަރަކަށް އަހަރުފަހުންނެވެ. ކުރިން ދާނެމީހަކުދާން، ބޭނުންހާގޮތަކަށް ރިސޯޓްތަކުން ފަތުރުވެރިންނަށް ވިއްކަން ބޭނުން ކުރި ތަންތަނުން އެދެވޭ ފައިދާއެއް ސީދާގޮތެއްގައި ކުރަން މިފެށީ ފަތުރުވެރިކަން ބ.އަތޮޅުގައި ފެށިތާ 25 އަހަރު ފަހުންނެވެ.

ކޮންމެއަކަސް ބ.އަތޮޅު ކައުންސިލުން މިފެށިކަމަކީ އެހެން ކައުންސިލްތަކުން ނަމޫނާއަކަށް ބަލަން ޖެހޭވަރުގެ މަސައްކަތެކެވެ.