ޚަބަރު

އޮޅުވެލިފުށީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމަށް ހަވާލުކޮށްފި


ޅ.އޮޅުވެލިފުށީ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް ހަދާ އެކްސްޓެންޝަން އިމާރާތުގެ ޢަމަލީ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަންއާއެވެ.

ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ އެކްސްޓެންޝަން އިމާރާތާއި، ޕޯޓިކޯގެ މަސައްކަތެވެ.

މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 165 ދުވަހުން ނިންމާގޮތަށެވެ. މިއީ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އޮޅުވެލިފުށީ ހެލްތު ސެންޓަރަށް ޖާގަ އިތުރުކުރުމުގެ ޕްރޮޖެކްޓަށް ސަރުކާރުން 4.9 މިލިއަން ޚަރަދުކުރެއެވެ.

އޮޅުވެލިފުއްޓަކީ އެއަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ. ރަށުގެ ރެޖިސްޓަރޑް އާބާދީ އުޅެނީ 800އިން ދަށުގައެވެ.

ސަރުކާރުންދަނީ ކުދި އާބާދީ ދިރިއުޅޭ ރަށްރަށުގައިވެސް އާއްމު ޚިދުމަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި، 60 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިމަނާފައިވެއެވެ. މީގެތެރެއިން ގިނަ ރަށްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، މަސައްކަތް ދަނީ ކުރިއަށެވެ.