ޚަބަރު

ބިދޭސީން ބޭތިއްބުމަށް ޤާއިމުކުރާ ޑިޓެންޝަން ސެންޓަރު އޮޕަރޭޝަނަށް ގެންނަނީ


ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބޭތިއްބުމަށް ހުޅުމާލޭގައި ތަރައްޤީކުރާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިމި އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ހުޅުމާލޭގައި ތަރައްޤީކުރަނީ 250 އާއި 300 އާއި ދެމެދުގެ މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ ގިނަ މައްސަލަތަކެއް ގުޅިފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ ބޮޑު އާބާދީއާއި ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް 2019 ވަނަ އަހަރު މަސައްކަތްތަކެއްފެށިތަނާ ކޯވިޑްގެ ޙާލަތުވަނީ ކުރިމަތިވެފައެވެ. މިއާއެކު މިމައްސަލައަށް އަވަސް ޙައްލެއް ވަގުތުން ވަގުތަށް ގެނައުން މަޖުބޫރުވީ ރާއްޖޭގައި ކޯވިޑްގެ ބޮޑު ރާޅެއް ބިދޭސީންގެ ތެރޭގައި އިތުރުވަމުންދިޔަ ކްލަސްޓަރތަކާއިގުޅިގެން އުފެދި އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅިދާނެކަމުގެ ބިރާއެކުގައެވެ.

ކޯވިޑްގެ ޙާލަތުގައި ބިދޭސީންގެ މައްސަލަ ހަމައަކަށް އަޅުވަން ފެށި ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 13000 މީހުން ގަވާއިދުގެތެރެއަށް ފައްތާ އަލުން މަސައްކަތްކުރުމުގެ ހުއްދަ ސަރުކާރުންވަނީ ދީފައެވެ. އަދި އެޙާލަތުގައި ހުއްދަ ނެތި އުޅެމުންދިޔަ މީހުންގެ ތެރެއިން 24000 ބިދޭސީން ފުރުވާލާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ބިދޭސީންގެ ތެރެއިން ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތް މީހުންގެ އެފަދަ ލިޔެކިޔުންތައް ހަމަކޮށް ޤައުމަށް އަނބުރާ ފޮނުވާލެވެންދެން ބިދޭސީން ބައިތިއްބާނެ މަރުކަޒެއް ނެތުމުގެ މައްސަލައެވެ.

ރާއްޖޭގައި މިމައްސަލަ އޮތް ނިސްބަތުން އަދިވެސް ބޮޑު ބަދަލެއް ގެނައުމަށް އެކަށީގެންވާގޮތެއްގައި މީހުން ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މިހާރު އަންނަނީ ހުޅުމާލޭގައި 250 އާއި 300 އާއި ދެމެދުގެ މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިސެންޓަރު އަންނަ އަހަރުގެ ކުރީކޮޅު އޮޕަރޭޝަނަށް ގެނެވޭނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް މިސެންޓަރު އޮޕަރޭޝަނަށް ގެނައުމަށް އިމިގްރޭޝަނާއި މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.

ވަޒީފާއާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ވަޒީފާ އަދާކުރުމުގެ ބޭނުމަށް އެއްޤައުމުން ރާއްޖެއަށް ގެނެވޭނެ އެންމެ ގިނަ ޢަދަދަކީ އެއްލައްކަ މީހުންނެވެ. ރާއްޖޭގައި މިހާރު ތިބި ބިދޭސީންގެ އާބާދީއަށް ބަލާއިރު މި ޢަދަދަށްވުރެ ކޯޓާ އިތުރުވެފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންގެ އެކަނިކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ސަރުކާރުން ހުޅުވާލި ފުރުސަތުގައި އަމިއްލައަށް އެދިގެން ގަވާއިދުގެ ތެރެއަށް 43787 ބިދޭސީއަކުވަނީ ވަދެފައެވެ. މީގެތެރެއިން 43410 މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކޮށް އެމީހުންނާއި ގުޅިގެން ނިކުންނަމުންދާ އެކި ބާވަތުގެ ކުށްތައް ހުއްޓުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ގިނަ އިދާރަތަކެއް ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތަކީ ބިދޭސީން ނިސްބަތްވާ ޤައުމުތަކުގެ ސަރުކާރުތަކާއިވެސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.