ޚަބަރު

އާމްދަނީން ޓެކްސް ދައްކަންޖެހޭ 2892 ދިވެހި މުވައްޒަފުން


މިއަހަރުގެ އަހަރުގެ 3 ވަނަ ކުއާޓަރުގައި އާމްދަނީން ޓެކްސްގެ ގޮތުގައި ފައިސާ ދައްކަންޖެހޭ 2892 ދިވެހި މުވައްޒަފުން އެބަތިބިކަމަށާއި، އޭގެ ތެރޭގައި ގިނައީ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންކަމަށް މޯލްޑިވްސް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މީރާއިން މިހެން ހާމަކޮށްފައިވަނީ އެއޮތޯރިޓީގެ 3 ވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ބާޔާންކޮށް އާންމުކޮށްފައިވާ "ސަމަރީ ސްޓެޓިސްޓިކްސް ރިޕޯޓް" ގައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީން ޓެކްސްގެ ގޮތުގައި ފައިސާ ދައްކަންޖެހޭ ޖުމްލަ 590 ވަޒީފާދޭ ފާރަތުން އެ އޮތޯރީޓިގައި ރަޖިސްޓްރީވެފައިވެއެވެ. މީގެތެރެއިން %14 ސަރުކާރުގެ މުއައްސަސާތަކުން ހިއްސާވާއިރު، %86 ހިއްސާވަނީ އަމިއްލަ ކުންފުނިތަކުންނެވެ. މިއާއިއެކު އަމިއްލަ ކުންފުނިތަކުން ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ޓެކްސްގެ ގޮތުގައި ފައިސާ ދައްކަންޖެހޭކަމަށް މީރާގައި 570 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާކަމަށް އެރިޕޯޓުގައިވެއެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން ޖުމްލަ 13840 މުވައްޒަފުން އެއޮތޯރިޓީގައި ރަޖިސްޓްރީވެފައިވާއިރު، މީގެތެރެއިން 7598 މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނެވެ. އެގޮތުން މީގެތެރެއިން 2892 ދިވެހިންނަކީ މަހެއްގެ މައްޗަށް 60000 ވުރެ މަތިން އާމްދަނީ ލިބޭ، ޓެކްސް ފައިސާ ދައްކަންޖެހޭ ފަރާތްތައްކަމަށް އެރިޕޯޓުގައިވެއެވެ.

އާމްދަނީން ޓެކްސް ދައްކަންޖެހޭ ދިވެހިންގެ ޢަދަދު:

● 60000 އާއި 100000 އާއި ދެމެދުގެ އާމްދަނީ ލިބޭ 1380 ދިވެހިން
● 100000 އާއި 150000 އާއި ދެމެދުގެ އާމްދަނީ ލިބޭ 685 ދިވެހިން
● 150000 އާއި 200000 އާއި ދެމެދުގެ އާމްދަނީ ލިބޭ 345 ދިވެހިން
● 200000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ 482 ދިވެހިން

ޓެކްސް ފައިސާގެ ގޮތުގައި ދައްކަންޖެހޭކަމަށް މީރާގައި ރަޖިސްޓްރީވެފައިވާ މުވައްޒަފުންގެ ތެރެއިން %45.1 އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނެވެ.

އެގޮތުން 6242 ބިދޭސީ މުވައްޒަފުން މީރާގައި ރަޖިސްޓްރީވެފައިވާއިރު، މީގެތެރެއިން 4957 ބިދޭސީންނަކީ މަހެއްގެ މައްޗަށް 60000 ވުރެ މަތިން އާމްދަނީއެއް ލިބި ޓެކްސް ފައިސާ ދައްކަންޖެހޭ ފަރާތްތައްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އާމްދަނީން ޓެކްސް ދައްކަންޖެހޭ ބިދޭސީންގެ ޢަދަދު:

● 60000 އާއި 100000 އާއި ދެމެދުގެ އާމްދަނީ ލިބޭ 2255 ބިދޭސީން
● 100000 އާއި 150000 އާއި ދެމެދުގެ އާމްދަނީ ލިބޭ 1305 ބިދޭސީން
● 150000 އާއި 200000 އާއި ދެމެދުގެ އާމްދަނީ ލިބޭ 508 ބިދޭސީން
● 200000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ 889 ބިދޭސީން

މި އަހަރުގެ މިހާތަނަށް ދައުލަތަށް 23.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދަޢުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް، ޓެކްސް އާމްދަނީގެ ގޮތުގައި 16.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 12.3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %36.7 އިތުރު އަދެދެކެވެ.

2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ކުރިން އޮތް އިޤްތިޞާދީ ޙާލަތަށްވުރެ ރަނގަޅުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވައެވެ. މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު %21.8 އިތުރު ޢަދަދެކެވެ.