ޚަބަރު

ސިނަމާލެ ފްލެޓްގެ ޖޫރިމަނާ ސަރުކާރުން މަޢާފްކޮށްދީފި


ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓް އަމިއްލަ ކުރަން ހުށައަޅާފައިވާ މީހުންނަށް، ޖޫރިމަނާ ފައިސާ މަޢާފްކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. އެގޮތުން ބައި މިލިއަން ރުފިޔާ މަޢާފްކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި ވިލިމާލޭ ރައްޔިތުންގެ ތެރެއިން ސިނަމާލެ 4 ފްލެޓުގައި ދިރިއުޅޭ މީހުންވަނީ އެފްލެޓުތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާތައް ދެއްކުމަށް އުޒުރުވެރިވާކަމަށް ބުނެފައެވެ. މިއާއެކު މާލެ ސިޓީ ކައުންސިލުން އެކަން މިނިސްޓްރީ އޮފް ފިނޭންސާއި ހިއްސާކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ "ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލުގެ" ދަށުން މިފައިސާ އަކީ ދައުލަތަށް ނުލިބޭނެ ފައިސާއެއްކަމަށް ކަނޑައަޅާ އެކަން ސިޓީ ކައުންސިލަށް އަންގާފައެވެ. މިގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ މާލެ ސިޓީ ކައުންސިލްއަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ މިފްލެޓުތަކުގެ ވެރިން ގެތެރެއިން ޖޫރިމަނާ ފައިސާ ނުދައްކާ ތިބި މީހުންގެ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައްސަތޭކަ ސާޅީސްހާހަށްވުރެ ގިނަ ރުފިޔާ މާފުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.


މާލެ ސިޓީކައުންސިލުން ވިދާޅުވީ މާލޭގައި ހުރި އެހެން ފްލެޓުތަކެކޭވެސް އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓުތައް އަމިއްލަކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދީ، ވިލިމާލެއާއި މާލޭގައި ހުރި 6 ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުމަށް އެކައުންސިލުން ސަރުކާރުގައި އެދިފައިވާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފްލެޓު ވެރިންނަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް މީގެކުރިންވެސްވަނީ ބައެއް ފްލެޓުތަކުގެ ޖޫރިމަނާ ފައިސާ މާޢަފްކޮށްދީފައެވެ. ޚާއްސަކޮށް ކޯވިޑްގެ މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުން ކުލި ދައްކަންޖެހޭ މުއްދަތު ސަރުކާރުން ފަސްކޮށްދިނެވެ.