ޚަބަރު

ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޙިދުމަތް ދޭން ފަށައިފި


ބ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ޑައިލިސިސް ޔުނިޓުން ޙިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް އެ ހޮސްޕިޓަލުން ފޯރުކޮށްދޭން ފެށުމުން ބ. އަތޮޅުގައި މި ޚިދުމަތް ހޯދަމުން އަންނަ ބަލިމީހުން މިކަމަށް މިހާރު ކުރާހޭދަ ކުޑަވެގެންދާނެކަމެއްކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމް އަތޮޅުތެރެއަށް ފުޅާކޮށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުގެ މަތިން ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޙިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކަމަށް ޚާއްސަ އިމާރާތެއް އެޅީ މިއަހަރުއެވެ. މިއަހަރުގެ މެދެއްހާ ހިސާބުގައި ކުރިން މި ޙިދުމަތް ފޯރުކޮށްދިނުމަށް ބ. އަތޮޅު ހޮސްޕިޓަލުން ތައްޔާރީތަކެއްވެސް ވިއެވެ. އެހެން ނަމަވެސް އެ ޙިދުމަތް ފެށުން ލަސްވެގެންދިޔައީ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތަށްކަމަށް އިތުރުވަގުތު ބޭނުންވެގެންކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ބ .އަތޮޅުގައި މި ޚިދުމަތް ބޭނުންވާ 15 ވުރެ ގިނަ ބަލިމީހުން ތިބިކަމަށް ބ. އަތޮޅު ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިހާރު މި މީހުން މި ޙިދުމަތް ހޯދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއިމާލެ އިންނެވެ.

ޑައިލިސިސްގެ ޙިދުމަތަކީ ކިޑްނީގެ ޚާއްސަ ބައްޔަކަށް ދެވޭ ފަރުވާއެކެވެ. މަދުވެގެން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު މިފަރުވާދޭން ޖެހެއެވެ. އެހެންކަމުން މިހާރު ބ. އަތޮޅަށް ނިސްބަތްވާ މި ޚިދުމަތް ހޯދާ ގިނަ މީހުން މިހާރު ދިރިއުޅުން ވަނީ މާލެއަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް ބ. އަތޮޅު ހޮސްޕިޓަލުން މި ޙިދުމަތް ދޭންފެށުމުން އެމީހުން އެ ޙިދުމަތް ހޯދުމަށް ދެން ބަރޯސާވާނީ އެ ހޮސްޕިޓަލަށްކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

"މީ ރައްޔިތުން ކުރަމުންދިޔަ ވަރަށް ބޮޑު އާދޭހެއްގެ ނިމުން، މާލެއަށް ނުވަތަ އުނގޫފާރަށް ހަތްފާއަކު ތިން ހަތަރު ދަތުރު މިކަމަށް ކުރުމަކީ ބޮޑު ހޭދައެއް، އެކަމަށް މިހާރު މިވަނީ ނިމުން ގެނުވިފައި، މީސަރުކާރުގެ ސިއްޙީ ނިޒާމަށް ގެންނަމުންދާ ބަދަލުގެ ސިޔާސަތުގެ ދަށުން ޤާއިމް ކުރެވުނު ޙިދުމަތެއް، މިކަމުގެ ސަބަބުން އެތައް ގޮތަކުން ފައިދާތަކެއް ރައްޔިތުންނަށް ކުރާނެ" ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޑައިލިސިސްގެ މިޙިދުމަތް ފޯރުކޮށްދިނުމަށް ދެ މިހާރު ތަމްރީން ފުރިހަމަކޮށްފައި ތިބީ ދެ ނަރުހުންނެވެ. މި ހިދުމަތައް އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވިގެން ދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ސަރުކާރުން ޞިއްޙީ ޚިދުމަތް ފުޅާ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ބ. އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދޭ ޙިދުމަތްތަކާ އެ ޙިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ކުރިއަރަމުން އާދެއެވެ. އެގޮތުން މީގެ ކުރިން ނެތް އެތައް ޚިދުމަތެއް މި 4 އަހަރުތެރޭގައި އެހޮސްޕިޓަލުން ވަނީ ފޯރުކޮށްދޭން ފަށާފައެވެ.

އެގޮތުން ލޮލުގެ ޚިދުމަތާއި، ރޭޑިއޮލޮޖީގެ ޙިދުމަތާއި، ކަށީގެ ޚާއްސަ ބަލިތަކާއި، ފިޒިޝަނުންގެ ޙިދުމަތަކީ ފާހަގަކުރެވޭ ޚިދުމަތްތަކެކެވެ. ލޮލުގެ ޙިދުމަތަށް ބޭނުންވާ މެޝިނަރީ މި މަސްތެރޭގައި ލިބި އެޙިދުމަތްވެސް އިތުރަށް ފުޅާކުރެވިގެން ދާނެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.