ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އިގްތިސާދީ ދުވެލި ކުރިއަރާ މިންވަރު މިއަހަރު މަޑުޖެހޭނެ: އޯއީސީޑީ


އިންޓަރެސްޓް ރޭޓް މަތިވުމާއި އިންފްލޭޝަން މަތިވެ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ދުވެލި ކުރިއަރާ މިންވަރު މަޑުޖެހޭނެކަމަށް ޕެރިސްގެ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް އޯއީސީޑީ އިން ލަފާކޮށްފިއެވެ.

މިއަހަރުގެ ދުނިޔޭގެ އިގްތިސާދީ ދުވެލި ކުރިއަރާނީ ވާނީ އެންމެ %3.1 އަށް ކަމަށާއި މިއީ 2021 ވަނަ އަހަރު ހުރި %5.9 އަށްވުރެ ވަރަށް ބޮޑުތަން ދަށް އަދަދެއްކަމަށް އޯއީސީޑީން ބުނެއެވެ.

އަންނަ އަހަރުގެ ދުނިޔޭގެ އިގްތިސާދީ ދުވެލި ކުރިއަރާނީ އަދި މާ ދަށް ދުވެއްޔެއްގައިކަމަށްވެސް އޯއީސީޑީން ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ އެންމެ %2.2 އަށްކަމަށް އޯއީސީޑީން ލަފާކުރެއެވެ.

ދުނިޔޭގެ އިގްތިސާދަށް ރިސެޝަނެއް އަންނާނެ ކަމަށް ލަފާނުކުރި ނަމަވެސް މިއީ ވަރަށް ގޮންޖެހުން ބޮޑު ލަފާކުރުމެއް ކަމަށް އޯއީސީޑީގެ ސެކްރެޓަރީ ޖެނެރަލް މެތިއަސް ކޯމަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އިގްތިސާދީ ދުވެލި ކުރިއަރާނީ %2.2 އަށް ކަމަށް ލަފާކޮށްފައިވާއިރު، މިއީ އެއްވެސް ބަޔަކަށް ހަމަޖެހިގެން ބަލަން ތިބެވޭނެ ކަހަލަ ކަމެއް ނޫން ކަމަށްވެސް ކޯމަން ވިދާޅުވިއެވެ.

ތެލާއި ގުދުރަތީ ގޭހުގެ އަގު ބޮޑުވުމަށް މެދުވެރިވީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، އޯގަނިކް އެކްޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މެމްބަރު ގައުމުތަކުގެ އިގްތިސާދީ އުފެއްދުންތަކުގެ %18 ހަރަދުކުރީ ހަކަތައަށެވެ.

އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ގިނަ ސަރުކާރުތަކުން ފިޔަވަޅުތައް އަޅަމުން އައި ނަމަވެސް ގިނަ ގައުމުތަކެއްގެ ގޭބިސީތަކުގެ އާމްދަނީ ވަނީ ދަށްވެފައި ކަމަށާއި މައިގަނޑު ގޮތެއްގައި ހަކަތައިގެ އަގު އުފުލުމުން މަތިވަމުންދާ އިންފްލޭޝަން އަންނަނީ ފުޅާ އަދި ދިގުދެމިގެންދާ ގޮތަށް މަތިވަމުންކަމަށް ކޯމަން ވިދާޅުވިއެވެ.

38 މެމްބަރު ގައުމު ހިމެނޭ އޯއީސީޑީން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ ވިޔަފާރި ޕްރޮމޯޓްކޮށް ކުރިއެރުވުމަށެވެ. އަދި މިކަން ކަމާގުޅޭ ވަކި ވަކި ރިޕޯޓުތަކާއި ދިރާސާތައް އޯއީސީޑީން ނެރެއެވެ.