ޚަބަރު

އީޔޫ މޯލްޑިވްސް ހަވަނަ ޕޮލިސީ ޑައިލޮގް ފަށައިފި

އީޔޫ މޯލްޑިވްސް ހަވަނަ ޕޮލިސީ ޑައިލޮގް މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ޑައިލޮގްގެ މަޤްޞަދަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މިހާރު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ހުޅުވާލެވިފައިވާ އަދި ބިނާކުރަނިވި ގުޅުންތަކަށް މަގުފަހިކޮށްދިނުމެވެ.

މިއަހަރުގެ ޑައިލޮގް ފައްޓަވާދެއްވާ ވާހަކަދެއްކެވީ ފޮރިން މިނިސްޓަރ އަބްދު ޝާހިދާއި، ޔޫރަޕިއަން ޔޫނިއަންގެ ސަފީރު ޑެނިސް ޗައިބީއެވެ. މި މަޝްވަރާތައް ފެއްޓެވުމަށް ފަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި ބައްދަލުވުމުގެ ކޯ ޗެއާރކަން ލިބިވަޑައިގެންނެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި ޑައިލޮގްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުން ހަރުދަނާ މަޝްވަރާތަކަށް އުއްމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.


މިއަހަރުގެ ޕޮލިސީ ޑައިލޮގްގައި ޑިމޮކްރަސީއާއި ހިންގުމާއި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމާއި އިންވެސްޓްމަންޓާއި ފައިނޭންސް އެންޑް އިކޮނޮމިކް ކޯޕަރޭޝަން އާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ޝެންގެން ވިސާ ފެސިލިޓޭޝަންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާތަކުގައި އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ އެވެ. ރާއްޖޭގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދެވެ. މި ޑައިލޮގްގައި ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންނާއި ދިވެހި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.