ޚަބަރު

ދެ ޤައުމެއްގެ އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި


ދެ ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވާފައިވަނީ ނެދަލެންޑްސް ސަރުކާރާއި، އަލްޖީރިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނެވެ. ވަކިވަކިން ބޭއްވެވި މި ދެ ރަސްމިއްޔާތުވެސް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ނެދަލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ބޮނީ ހާރބޯކެވެ. ފަތްކޮޅު އެރުވުމަށްފަހު، ނެދަލެންޑްސްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މި މަޝްވަރާކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިންނަށް ވިސާގެ ލުއިތައް ދެއްވުމާއި ގުޅޭގޮތުން ނެދަލެންޑްސް ސަރުކާރުން ވިސްނަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރެވި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާ ނެދަލެންޑްގެ ސަފީރު މަޝްވަރާކުރެއްވި، ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ދިވެހި ކިޔަވާކުދިންނަށް އިތުރު ކުރެއްވުން ހިމެނެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސަރަހައްދީ ރައްކާތެރިކަމާއި، ޓެރަރިޒަމާއި، ވަގުފާރިއާއި އަދި ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލު ކުރެއްވުމުގައި ނެދަލޭންޑްސްގެ ސަފީރު ވަނީ ނެދަލެންޑްސްގެ އަމިއްލަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނެދަލެންޑް ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، އައު ސަފީރުގެ ދައުރުގައި، ދިވެހިރާއްޖެއާ ނެދަރލެންޑްސްގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ. ނެދަލެންޑްސްއާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 3 ސެޕްޓެމްބަރު 1979 ގައެވެ.

އަލްޖީރިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ އަބްދުލްރަޙްމާން ބެންގްރާއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އަލްޖީރިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްޖީރިޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ސަޤާފަތާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ އަދި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ބަދަހިގުޅުން ފާހަގަކުރައްވައި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ އަލްޖީރިޔާގެ ސަފީރާ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައިވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި ވެސް އިތުރަށް ގުޅުން ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާ އަލްޖީރިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 8 މާރިޗު 1988 ގައެވެ.