ވިޔަފާރި

އެގްރޯ ސްޓާޓްއަޕް ޕެކް: މިހާތަނަށް 5.3 މިލިއަން ރުފިޔާ ދަނޑުވެރިންނަށް


ރާއްޖެއަކީ މުޅިންހެން ކަހަލަ ގޮތަކަށް އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެކެވެ. ރާއްޖޭގެ ރަށްރަށުގައި ބިން އޮތްނަމަވެސް ދަނޑުވެރިކަން މާފުޅާގޮތެއްގައި މިހާތަނަށްވެސް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އާންމު ބޭނުންތަކަށާއި އަދި ރިސޯޓްތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ޖެހެނީ އިމްޕޯޓް ކުރާށެވެ.

ކޯވިޑް19 އާއިއެކު މުޅި ދުނިޔެ ހުއްޓި ދަތުރުފަތުރުގެ ނިޒާމަށް ބުރޫއެރުމުގެ ސަބަބުން ފުޑް ސެކިއުރިޓީ ނުވަތަ ރާއްޖެއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި ހެއްދުމުގެ މުހިންމުކަން އިހްސާސްވެގެންދިޔައެވެ. އެއާއެކު ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މުހިންމުކަން ހާމަވެގެންދިޔައެވެ.

މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވަނީ ޚާއްސަ ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުނި އުފައްދާފައިވަނީވެސް 2020 ވަނަ އަހަރުގެ އޭޕްރިލް މަހު ކޯވިޑްގެ އެންމެ ދަތި އުނދަގޫ ދުވަސްވަރުއެވެ.

އެގްރޯނެޓަށް މިވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި މަސްއޫލިއްޔަތު ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އެގްރޯނެޓާއި ގުޅިގެން މިހާތަނަށް 800 އަށްވުރެ ގިނަ ދަނޑުވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން އެ ކުންފުންޏާއި ކޮންޓްރެކްޓް ހަދައިގެން 715 ދަނޑުވެރިއަކު އަންނަނީ މަސައްކަތްކުރަމުންނެވެ.

ދަނޑުވެރިކަމުގެ ސިނާއަތައް މީހުން ވެއްދުމަށްވެސް އެގްރޯނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވެފައިވަނީ އެ މީހުންނަށް ލޯނު ލިބުމަށް ހުރި ދަތިތަކެވެ. އެހެންކަމުން އެގްރޯނެޓުން ވަނީ ދަނޑުވެރިންނަށް ފަސޭހަކަމާއިއެކު ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް "ސްޓާޓް އަޕް" ޕެކޭޖެއް ތައާރަފްކޮށްފައެވެ. މި ޕެކޭޖް ތައާރަފްކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މި ސަރުކާރަށް 4 އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެގްރޯނެޓްގެ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން މިހާތަނަށް 5.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 282 ދަނޑުވެރިއަކަށް ދޫކޮށްފައިވާ އަދަދެވެ.

އެގްރޯނެޓްގެ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ހުރިހާ އާލާތްތަކެއް ދޫކުރެއެވެ. އޭގެތެރޭގައި މުޑުވަށް އިންދަން ބޭނުންވާ ފާޓިލައިޒަރ، ގަސްތަކަށް ފެންދޭނެ ހޮޅި، ގަހަށް ޖަހަންޖެހޭ ބޭހާއި ކެމިކަލްއާއި، އުދެލި ފަކީރާ ފަދަ ތަކެތި ހިމެނެއެވެ.

މި ޕެކޭޖްގެ ދަށުން ތަކެތި ދޫކުރަނީ އިންސްޓޯލްމަންޓް އުސޫލުންނެވެ. އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.