ޚަބަރު

ތިނަދޫން މީހުން ބޭލި މައްސަލަ އަންނަ މަހަށް ނިންމަނީ


ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިޤާލީ އިންސާފު އޮފީހުން ކުރިއަށް ގެންދާ ތަހުގީގު ނިންމައި އަންނަ މަހު ފައިނަލް ރިޕޯޓް އެކުލަވާލާނެކަމަށް އެއޮފީހުން ވިދާޅުވެއްޖެއެވެ. ތިނަދޫން މީހުން ބޭލި ހާދިސާގެ މައްސަލަ އިންތިޤާލީ އިންސާފުގެ އޮފީހުން ބަލަނީ ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލަ ބަލަން ފެށީ މިއަހަރުގެ ކުރީކޮޅެވެ.

ތިނަދޫއިން މީހުން ބޭލި ޙާދިސާގައި އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައި ހުރިކަމަށް ބުނާ ކަންކަން ދެނެގަނެ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި އެކަންކަމުގެ ޙަޤީޤަތް ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ގެންދަނީ އަޑުއެހުންތައް ބާއްވަމުންނެވެ. ޢާންމުކޮށް ހުޅުވާލައިގެންނާއި، ސިއްރު އަޑުއެހުންތަކެއްވެސް މިހާތަނަށް ވަނީ ބާއްވާފައެވެ.


ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ގދ.ތިނަދޫގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

މިމައްސަލައިގެ ތަހްޤީޤު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިންތިޤާލީ އިންސާފު އޮފީހުގެ ބަޕްލިކް ރިލޭޝަންސް އެގްޒެކެޓިވް، އައިޝަތު ފަތުހީ ވިދާޅުވީ ތިނަދޫން މީހުން ބޭއްލި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށެވެ. މިހާތަނަށް އާންމުކޮށް ހުޅުވަލައިގެން 21 މީހެއްގެ ބަޔާން ނަގާފައިވާކަމަށާއި، އާންމުކޮށް ހުޅުވާ ނުލައިވެސް 9 މީހެއްގެ ބަޔާން ނަގާފައިވަކަމަށް އައިޝަތު ފަތުހީ ވިދާޅުވިއެވެ. މިތަހުގީގުގައި މިހާތަނަށް ނެގި ބަޔާންތަކާއި، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންސާނީ ހައްގުތަކާއި ޚިލާފް ކަންތައްތަކާއި، އިތުރު އެހެން ބައެއްކަންކްވެސް ފާހަގަވެފައިވާކަމަށް އައިޝަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމައްސަލާގައި ބަޔާން ދީފައިވާ މީހުންގެ ބަޔާންތަކުން މިހާދިސާއާއި ގުޅިގެން މީގެ ކުރިން އަޑުނީވޭ އަދި ދެކެވިފައިނުވާ އެތައް ވަހަކަތަކެއް އޮޅުންފިލައި ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ލިބިފައިވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ތަހުގީގްގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި މިހާދިސާގެ ފައިނަލް ރިޕޯޓް އެކުލަވާލައި މައްސަލަ ނިންމުމަށް ކަމަށް އައިޝަތު ވިދާޅުވިއެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން އެރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.

އިންތިޤާލީ އިންސާފުގެ އޮފިހުން ވަނީ އެ އޮފީހަށް ހުށައަޅާފައިވާ ގިނަ މައްސަލަތައް މިހާރު ބަލައި ނިމިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން 111 މައްސަލައެއް ވަނީ ނިންމާލާފައެވެ. ނަމަވެސް ޤައުމީ މަސްލަހަތު ހިމެނޭ މައްސަލަތައް އަދި ނުނިމޭކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ބަލަމުން އަންނަ މަސައްސަލަތައް ނިންމުމަށް، އެ އޮފީހުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރުކޮށްދެއްވާފައެވެ. އެގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކޮށްދެއްވާފައިވެއެވެ.