ވިޔަފާރި

ތެޔޮ ޓެސްޓްކުރުމަށް ހޭދަވާ ވަގުތާ ޚަރަދު އެތައް ގުނައެއް ކުޑަވެއްޖެ: އަމްރު


އެސްޓީއޯއިން ހުޅުވި ފިއުލް ޓެސްޓިންގ ލެބޯޓްރީގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 ސާމްޕަލް ޓެސްޓްކުރާކަމަށާއި، މި ލެބާއެކު ކުރިން މިކަމަށް ކުރަމުން އައި ހޭދަ އެތައް ގުނައެއް ކުޑަކުރެވިފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ ލެބެކެވެ.

ރާއްޖެ އެތެރެކުރާ ތެލުގެ ކޮލެޓީ ދެނެގަނެވޭ ލެބް އެސްޓީއޯއިން ހުޅުވާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހުއެވެ. ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯނޫން އެހެން ބައެއް ކުންފުނިތަކުންވެސް ރާއްޖެއަށް ތެޔޮ އެތެރެކުރާކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކުރާ ތެލުގެ ކޮލެޓީ ދެނެގަނެވޭނެފަދަ ލެބެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް އަމްރު ވިދާޅުވިއެވެ.

"އެހެންވީމަ ބޭރުގެ ފަރާތްތަކުން އެ ބުނާ ކޮލެޓީގެ ތެޔޮތޯ ރާއްޖެއަށް މިގެނެވެނީ އެވެސް އެބަޖެހޭ ޔަޤީންކުރަން. އެހެންވީމަ ކޮންމެހެންވެސް ރާއްޖޭގައި ހުންނަންޖެހޭ ފެސިލިޓީއެއް އެއީ ރާއްޖެއަށް އެތެރެކުރާ ތެޔޮ ތަހުލީލުކުރުމަކީ. އަޅުގަނޑުމެން އެ ލެބޯރޭޓަރީ ހެދިކަމުގައިވީނަމަވެސް އެ ލެބޯރޭޓަރީ އެ ރަންކުރަނީ އިންޓަނޭޝަނަލް ފަރާތަކުން. އެމީހުން ސެޓްފިކެޓާއިއެކު އެކަން ކުރަނީވެސް." އަމްރު ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވަންޖެހެއެވެ. އަމްރު ވިދާޅުވީ، މި ލެބްގެ ސަބަބުން އެމްއޭސީއެލްއަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ހިނގައްޖެކަމަށެވެ. ސަބަބަކީ ކުރިން ސާމްޕަލް ނަގައިގެން ތެޔޮ ޓެސްޓު ކުރުމަށް ބޭރަށް ފޮނުވުމުން، ތިން ހަތަދު ދުވަސް ހޭދަވާކަމަށާއި، މިއީ ބޮޑު ހޭދައެއްވެސް ހިނގާކަމެއްކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެސްޓީއޯ ލެބްގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިފައިވާކަމަށާއި، ކުރާ ޚަރަދުވެސް އެތައް ގުނައެއް ކުޑަވެފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އެސްޓީއޯއިން މި ލެބް ހުޅުވިފަހުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 27 ސާންޕަލް ޓެސްޓުކުރާކަމަށް އަމްރު ވިދާޅުވިއެވެ.

"މިހާރު ގާތްގަނޑަކަށް 3 ގަޑިއިރުގެ ތެރޭގައި އެބަލިބޭ އެ ރިޕޯޓު. އެހެންވީމަ އެއީ ލިބުނު ވަރަށް ބޮޑު ފަސޭހައަކަށްވެގެންދޭ. މިހާރު ގާތްގަނޑަކަށް މަހެއްގެ މައްޗަށް ބަލަންޔާމު އެވްރެޖްކޮށް އަޅުގަނޑުމެންނަށް ހުޅުވި ފަހުން މިހާތަނަށް 27 ސާންޕަލް ކޮންމެ މަހަކު އެބަ ޓެސްޓު ކުރެވޭ. ކުރިން އެއްގޮތަކަށްވެސް ނުކުރެވޭ ކަންކަން އެއީ. ކުރިން ޕެޓްރޯލް ނުވަތަ ޑީސަލްގެ މައްސަލައެއް އުޅެގެން ޓެސްޓްކޮށްލެވޭނެ ގޮތެއްވެސް ނޯވޭ އަމިއްލަ މީހަކަށް. އެކަމަކު މިހާރު އެފުރުސަތު އެބައޮތް." އަމްރު ވިދާޅުވިއެވެ.


ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ. މިއީ ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މީގެއިތުރުން، މިލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލްއާއި ޑީސަލްގެ ކީ ޕެރަމީޓަރސްތައްވެސް ޓެސްޓްކުރެވޭނެއެވެ.

މި ލެބަކީ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ ތަނެއްކަމަށާއި މި ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެކަމަށް އެސް.ޓީ.އޯއިން ބުންޏެވެ.