ކުޅިވަރު

ގަތަރު ބަލިކޮށް އެކުއެޑޯއަށް ރަނގަޅު ފެށުމެއް


ފީފާ ވޯލްޑް ކަޕް 2022 ގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރު ބަލިކޮށް އެކުއެޑޯއިން ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތް ހުޅުވާ މެޗުގައި ގަތަރާއި އެކުއެޑޯ ބައްދަލުކުރިއިރު، މި މެޗު އެކުއެޑޯއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ ވަނީ ލަނޑު ޖަހާފައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

އެކަމަކު މެޗުގެ 16 ވަނަ މިނެޓުގައި އެކުއެޑޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެލެންސިއާއެވެ. މިއީ ގަތަރުގެ އޭރިއާގެ ތެރެއިން އެކުއެޑޯގެ ކުޅުންތެރިއަކަށް ގަތަރުގެ ކީޕަރު އަލް ޝީބް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ވެލެންސިއާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް އެކުއެޑޯއިން ވަނީ ފުލުފުލުގައި ގަތަރުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ގަތަރުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ވެލެންސިއާއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ގަތަރުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އެކުއެޑޯގެ ގޯލަށް ފޮނުވާލި ނަމަވެސް އެ ޓީމަށް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

ގަތަރު އަދި އެކުއެޑޯ ހިމެނޭ ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ ނެދަލަންޑްސް އަދި ސެނެގާލެވެ. މި ދެ ޓީމު ބައްދަލުކުރާނީ މާދަމާއެވެ. މި ދެ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ މާދަމާރޭ ރާއްޖެ ގަޑިން 21:00 ގައެވެ.