ޚަބަރު

ރައީސްގެ ތަހުނިޔާ ގަތަރުގެ އަމީރަށް


ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤަޠަރުގެ އަމީރަށް ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެފައެވެ. އަދި ޤަޠަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖެއާއި މުޅި ދުނިޔެވެސް އިންތިޒާރުކުރާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ޤައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ޤަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބޭކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

މިއަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "ފީފާ ވޯލްޑް ކަޕް 2022" މިއަދު ފަށާނެއެވެ.