ޚަބަރު

ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ކާރުޚާނާގެ ޚިދުމަތް ޖެނުއަރީގައި ފަށަނީ


ހއ.ހޯރަފުށީގައި ފެނަކައިން ތަރައްޤީކުރާ ބިއްލޫރި ފުޅީފައި ފެން ބަންދުކުރާ ކާރުޚާނާގެ ޚިދުމަތް، އަންނަ ޖެނުއަރީމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ސަރުކާރަށް 4 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު ވިދާޅުވީ، ހޯރަފުށީގައި ތަރައްޤީކުރާ ބިއްލޫރިފުޅީފައި ފެން ބަންދުކުރާ ކާރުޚާނާ އަކީ، އަތޮޅުތަކުގައި ތަރައްޤީކުރާ މިފަދަ އެންމެ ތަފާތު މަސައްކަތްކަމަށެވެ. އަދި އެއީ އެފަދަ އެންމެ ބޮޑު ކާރުޚާނާކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ހޯރަފުށީ ކައުންސިލުގެ ހިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ޢުސޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މި ކާރުޚާނާގެ ޢަމަލީމަސައްކަތް ފަށަފައިވަނީ މިދިޔަ އަހަރުއެވެ.

ހޯރަފުށީގައި ޤާއިމުކުރާ، ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ކާރުޚާނާއިން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރާނެއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު ވިދާޅުވީ މި ކާރުޚާނާއަކީ ރާއްޖެއަށް މުޅިން އައު ކޮންސެޕްޓެއްކަމަށެވެ. އެ މަޝްރޫޢުއިން އިމާރާތާއި، މަސައްކަތާއި، ފަހުގެ ޓެކްނޮލޮޖީތައް މި ކާރުޚާނާއިން ފެންނާނެކަމަށް ސަޢީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކާރުޚާނާއަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި މިހާތަނަށް އަތޮޅުތަކުގައި ޤާއިމުކުރާ ފެން ތަޙުލީލުކުރާ އެންމެ ބޮޑު ލެބޯޓްރީވެސް، މި މަސައްކަތުގެދަށުން ހޯރަފުށީގައިި ޤާއިމުކުރާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

"ހުރިހާ މަސައްކަތެއް ނިމި، ޖެނުއަރީގައި ޚިދުމަތް ފެށޭނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް. ބޭނުންވާ ހުރިހާ މެޝިނަރީތައް ހޯރަފުށީގައި ގުދަންކޮށްފަ މިހާރު ހުރީ. އިމާރަތުގެ މަސައްކަތްތައްވެސް ބޮޑު ބައެއް ނިިމިއްޖެ." ސަޢީދު ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ހިމަނައިގެން ހޯރަފުށީގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ފެނަކައިން ވިދާޅުވިއެވެ.

ހޯރަފުށީގައި ބިއްލޫރިފުޅީގައި ބަންދުކުރާ ފެން ފުރަތަމަ ފޯރުކޮށްދޭނީ، ކައިރި ރިސޯޓްތަކާއި އެ ސަރަޙައްދުގެ ރަށްތަކަށެވެ. މި މަޝްރޫޢުއާއެކު އުތުރުގެ ރަށްތަކާއި ރިސޯޓްތަކަށް މިނެރަލް ވޯޓަރ ފަސޭހައިން ފޯރުކޮށްދެވި، ރަށަށް ވަންނަ އާމްދަނީވެސް އިތުރުވެގެންދާނެއެވެ.

ސަޢީދު ވިދާޅުވީ އެކުންފުނީގެ ޢަމާޒަކީ އެކި ފިޔަވަހިތަކަށް މި މަސައްކަތް ބަހާލާ، ރާއްޖޭގެ ހުރިހާ ސަރަޙަށްދަކަށްވެސް ޚިދުމަތް ފުޅާކުރުންކަމަށެވެ.