ކަލްނަރީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދޭ "ސީޖީއެމް ޝެފް އެވޯޑް 2022" 36 ޝެފެއް ހާސިލްކޮށްފިއެވެ.
ޝެފް އެވޯޑްއަކީ، ކަލިނަރީ ފަންނުގައި ހިމެނޭ ޝެފުންގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމުއިއްޔާ "ޝެފްސް ގިލްޑް މޯލްޑިވްސް"އިން ދޭން ފެށި އެވޯޑެކެވެ. 
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ޝެފް އެވޯޑްގެ އެންމެ މުހިންމު ބޭނުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ޝެފުން ކުރަމުންދާ މަސައްކަތްތުގެ އަގު ވަޒަންކުރުމެވެ. 
"ޝެފް އެވޯޑް 2022"ގައި، ކަލްނަރީގެ 8 ކެޓަގަރީއަކުން 36 ޝެފަކަށް ވަނީ އެވޯޑް ދީފައެވެ. 
މީގެތެރޭގައި ދާއިރާގައި ފާހަގަކޮށްލެވޭ ޒުވާން ޝެފުންނާ، ދާއިރާގައި ހަރަކާތްތެރިވާ މަތީ ފަންތީގެ ޝެފުންނާއި، ދާއިރާއަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ޝެފުން ހިމެނެއެވެ. 
އެވޯޑް ޙާސިލްކުރެެއްވި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމްދު ޞާލިޙު، އަދި އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.
މި އެވޯޑް ހަފްލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމުގައިވާ، ޝެފް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އަހުމަދު މާޒިމްއަށެވެ.
		
			މި ރަސްމިއްޔާތުގައި ކަލްނަރީ ފަންނު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އެކި ގޮތްގޮތުން އެހީތެރިވަމުންދާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ.
އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ސީޖީއެމްގެ ރައީސް މަރިޔަމް ނޫރައްދީން ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީގައި އެފްއެންބީ އާއި ޝެފުންގެ ދަޢުރު ވަރަށް ބޮޑުކަމަށެވެ. އަދި މި ދާއިރާއަށް ދިވެހިން ނެރެ އެ ޝެފުންގެ ކުރިއެރުމަށް، ކުރިއަށްއޮތްތާނގައި ސީޖީއެމްގެ ދަޢުރު އިތުރަށް ފުޅާކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
" ޖަމިއްޔާއަކީ ބައިނަލްއަޤްްވާމީ ޝެފުންގެ ޖަމިއްޔާއިން ބަލައިގަންނަ ޖަމިއްޔާއެއް. އަދި މީގެތެރެއިން ދިވެހި ޝެފުނަށް އެކި ފުރުޞަތުތައް ހޯދަދީ، ބައިނަލްއަޤްވާމީ ފެންވަރުގެ ވަނަތަށް ރާއްޖެއަށް ދަނީ ހޯދައިދެމުން." މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ. 
"ސީޖީއެމް ޝެފް އެވޯޑް" ކޮންމެ ދެއަހަރަކު ދިނުމަށް ވަނީ ނިންމާފައެވެ. މި އެވޯޑަށް އަންނަ އަހަރު ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ޝެފުންނަށްވެސް ކުރިމަތިލެވޭނެއެވެ. 
ޝެފްސް ގިލްޑް މޯލްޑިވްސް، ސީޖީއެމްއަކީ 2014 ވަނަ އަހަރު އުފައްދާފައިވާ ޖަމުއިއްޔާއެވެ.