ޚަބަރު

220 ވަޒީފާގެ ފުރުޞަތާއެކު އެއަރޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަރުދަނާކުރެވިއްޖެ: މާރިޔާ


220 ވަޒީފާގެ ފުރުޞަތާއެކު ރާއްޖޭގެ އެއަރޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަރުދަނާކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން 2018 އާދެތެރޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުން ހުއްޓުވާފައި އޮތުމުގެ ސަބަބުން މި ޚިދުމަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. އަދި ބައެއް ސީނިއަރ މުވައްޒަފުންގެ ސީނިއޮރިޓީވެސް ގެއްލޭގޮތްވެ، މުވައްޒަފުންގެ މޮރާލް އަދި މޯޓީވޭޝަނަށް ނޭދެވޭ އަސަރުތައްކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް ކޯވިޑް-19ގެ ދަތިތަކާއެކުވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ސަރުކާރުގެ އެކި ދާއިރާތަކުގެ މުވައްޒަފުންނަށް ކުރިމަތިވެފައިހުރި މިފަދަ ގޮންޖެހުންތައް ޙައްލުކޮށްދެއްވުންކަން ފާހަގަކުރައްވާ، މިހާތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 180 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ހޯދައިދީފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

"ނަތީޖާއެއްގެ މިހާތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އެކި ރޭންކް ތަކުން 138 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ލިބި، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރެވިގެން ދިއުން. އަދި، މިއަދު ޕްރޮމޯޝަންތަކާއެކު، މިޢަދަދު 180 އަށް އިތުރުވާނެ" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަސައްކަތަށް ބަލާއިރު، ދިވެހިރާއްޖޭގެ މަދަނީ ހުރިހާ ވައިގެ ބަނދަރުތަކުގެ ސެކިއުރިޓީގެ ޒިންމާ އެބައޮތްކަމަށެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވިފައިވާ 18 އެއަރޕޯޓެއްގައި މި މުހިންމު ޒިންމާ އަދާކުރާކަމަށާއި، މީގެ ތެރޭގައި 5 އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިޢަދަދު ކުރިއަށް އޮތްތަނުގައި އަދިވެސް އިތުރުވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލަމާތާއި ރައްކާތެރިކަމާއި، އެ ޚިދުމަތްތައް ދިނުމަށް ޤާއިމްކުރެވިފައިވާ ކްރިޓިކަލް އިންފްރާސްޓަރކްޗަރތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަކީ ވަރަށް ބޮޑު ޙިއްސާއެއް އޮންނަ، މުހިންމު ބައިވެރިއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

"ރައީސް ޞޯލިހުގެ ސަރުކާރަށް މިވީ 4 އަހަރުތެރޭގައި، އެއަރޕޯޓްތަކާއި ޒިންމާތައް އިތުރުވުމާއި ގުޅިގެން 220 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުވެސް އަޅުގަނޑުމެންނަށް އިތުރަށް ތަނަވަސްކޮށްދެވިއްޖެ. ހަމައެއާއެކު، މި ދާއިރާގެ މީހުން ބިނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. މިވޭތުވެ ދިޔަ 4 އަހަރު ތެރޭގައި 50 އަށް ވުރެ ގިނަ މުވައްޒަފުންނަށް ބޭރު ޤައުމުތަކުގައި ތަމްރީނު ދެވިއްޖެ. އަދި، އެހެން ޤައުމުތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބަލާ ދެނެގަތުމުގެ ފުރުޞަތުވެސް ތަނަވަސްކޮށްދެވުނު. މީގެ އިތުރުން، ގާތްގަނޑަކަށް 2000 މުވައްޒަފުންނަށް ރާއްޖޭގައި އެކިބާވަތުގެ ތަމްރީން ޕްރޮގްރާމްތައް ހިންގިފައިވާކަމީ، މިސަރުކާރުން ސަލާމަތީ ކަންކަމަށް ދޭ އިސްކަން ހާމަވާކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް، އެމުވައްޒަފެއްގެ ޒިންމާއަށް ވަރަށް ބޮޑަށް ފަރުވާތެރިވެ، ފާރަވެރިވެ، ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ލަގެޖް ސްކްރީން ކުރުމާއި، އެކްސެސް ކޮންޓްރޯލް ކުރުން ނުވަތަ އުނގަންނައިދީ ތަމްރީން ކުރުންކަމުގައިވިޔަސް ކަމަށް ކަމޭހިތައިގެން ތިމާގެ ޒިންމާތައް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.