ޚަބަރު

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފި


މާލެ ސަރަހައްދުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި 6 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ރޭ ހިންގި މި އޮޕަރޭޝަންގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ 6 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ. އަދި މި 6 މީހުންވެސް ހައްރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންނާބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.

ފުލުހުން ރޭ ހިންގި އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މާލޭގެ 2 ގެއަކާއި ހުޅުމާލޭގެ ގެސްޓް ހައުސްއެއް ބަލާ ފާސްކުރުމަށްފަހު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި، ދިވެހި ފައިސާ އަތުލައިގަނެފައިވާކަމަށެވެ.

މި އޮރޭޝަންގައި 13.56 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި މަސްތުވާތަކެތި ފެނުނު ތަންތަނުން ޖުމްލަ 644،000 (ހަ ލައްކަ ސާޅިސް ހަތަރު ހާސް) ރުފިޔާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ޑްރަގު އެންފޯސްމަންޓް ޓީމުތަކުން ރޭ ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން އަދިވެސް ހުއްޓާނުލާ ދަނީ ކުރިއަށެވެ. ފުލުހުން މިފަހުން ހިންގާ އެކި އޮޕަރޭޝަން ތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.