ޚަބަރު

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯއަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި


ފަޚުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމުގެ ގޮތުން ހުނަރުވެރިން ތަމްރީނުކުރުމަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފިއެވެ.

މި އެކްސްޕޯއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ ޒިޔާރަތްކުރައްވާފައެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއެކްސްޕޯގެ އެކި ސްޓޯލްތަކަށް ވަޑައިގެން އެތަންތަނުން ދެމުންގެންދާ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެވަގުތު އެކްސްޕޯގައި ތިބި ބައެއް ޒުވާނުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށާއި މުސްތަޤްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޚާއްސަކޮށް ޒުވާނުން މަތީ ތަޢުލީމާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖެއިން ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރުމުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް މި އެކްސްޕޯގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އެކްސްޕޯ އަމާޒުކޮށްފައިވަނީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. އެގޮތުން ގްރޭޑް 9،10،11،12 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށާއި، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް ސްކޫލް ނިންމާ ކުދިންނަށާއި، މަތީ ތަޢުލީމު ޙާޞިލުކުރަމުންނުދާ ކުދިންނަށް މި އެކްސްޕޯގެ ޒަރިއްޔާއިން ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ.

މި އެކްސްޕޯގައި 30 ސްޓޯލް ހިމެނެއެވެ. އަދި އެކްސްޕޯގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކާއި، ޓިވެޓް ސެންޓަރާއި، އެސް.އޯ.އީ ތަކާއި، ސަރުކާރުގެ އިދާރާތަކާއި، ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވިއެވެ. އަދި މި އެކްސްޕޯގައި ޕެނަލް ޑިސްކަޝަންތަކާއި، މެހެމާނުން ވާހަކަދެއްކުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.