ޚަބަރު

13 ކިލޯގެ ޑްރަގާއެކު ގިނަ ޢަދަދެއްގެ ފައިސާ އަތުލައިގަނެފި


މާލެ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެއްޗާއި، 6 ލައްކައަށްވުރެ ގިނަ ފައިސާ އަތުލައިގަނެފިއެވެ.

ފުލުހުން ރޭ ހިންގި އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މާލޭގެ 2 ގެއަކާއި ހުޅުމާލޭގެ ގެސްޓް ހައުސްއެއް ބަލާ ފާސްކުރުމަށްފަހު ގިނަ ޢަދަދެއްގެ މަސްރތުވާތަކެއްޗާއި، ދިވެހި ފައިސާ އަތުލައިގަނެފައިވާކަމަށެވެ.

މި އޮރޭޝަންގައި 13.56 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި މަސްތުވާތަކެތި ފެނުނު ތަންތަނުން ޖުމްލަ 644،000 ރުފިޔާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ޑްރަގު އެންފޯސްމަންޓް ޓީމުތަކުން ރޭ ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން އަދިވެސް ހުއްޓާނުލާ ދަނީ ކުރިއަށެވެ. މިމައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ހާމަކުރައްވާފައި ނުވެއެވެ. ފުލުހުން މިފަހުން ހިންގާ އެކި އޮޕަރޭޝަން ތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.