ޚަބަރު

ރާއްޖެއާއި ޗައިނާއިން ޕްރައިވެޓް ސެކްޓަރގެ ގުޅުން ކުރިއަރުވަން ޖެހޭ: ސަފީރު


  • ސަފީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި

ރާއްޖެއާއި ޗައިނާއާއި ދެޤައުމުގެ ދެމެދު ޕްރައިވެޓް ސެކްޓަރގެ ގުޅުން ކުރިއަރުވަން ޖެހޭކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ޗައިނާގައި ހުންނަވައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ޗައިނާގައި ކުރިއަށްދާ އޭޝިއާ ފެސިފިކް މީޑިއާ ފޯރަމްގައި ބައިވެރިވެވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސަފީރު ޑރ. ފަޒީލް ނަޖީބް ވިދާޅުވީ، މި ފޯރަމްއަކީ ވަރަށް މުހިންމު ފޯރަމްއެއްކަމަށެވެ. ޚާއްސަކޮށް މި ސަރަހައްދުގެ މީޑިއާ އިންސްޓިޓިއުޓްތައް އެއްތަނަކަށްއައިސް ގުޅުވާލަދޭ ފޯރަމްއެއްކަން ފާހަގަކުރެވިއެވެ.

މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ސަފީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ތަރައްގީގެ އައު ބާރަކަށް ހެދުމާއި ގުޅޭގޮތުންނެވެ. މި ޕެނަލްގައި ދެއްކެވި ވާހަކައަށް އަލިއަޅުވާލައްވައި ސަފީރު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ރާއްޖެ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރިނަމަވެސް އެ ބޭނުންވާ ނޮލެޖާއިއެކު ލިބޭ މިންވަރު މަދުކަމަށެވެ. އެހެންކަމުން ޗައިނާފަދަ ޤައުމުތަކުގެ އެހީތެރިކަމާއިއެކު އެ އިލްމުގެ އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެޤައުމުގެ ސަރުކާރާއި ދެމެދުގައި އޮންނަނީ ވަރަށް ބަދަހި ގުޅުމެއްކަމަށެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރގެ ދެމެދުގައި އޮންނަ ގުޅުންވެސް މިހާރަށްވުރެ ބޮޑަށް ބަދަހިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މީގެ ފައިދާ 2 ގައުމަށްވެސް ކުރާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ހީވަނީ 2 ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ކުރިއަރުވަން ޖެހިފަހެން މިއޮތީ ޕްރައިވެޓް ސެކްޓަރ އާއި ޕްރައިވެޓް ސެކްޓަރގެ ގުޅުން. މީހެން އަޅުގަނޑަށް ހީވަނީ އެންމެ ބޮޑަށް ކުރިއަރަންޖެހޭ އެއްޗަކީ. މިބައިގެ ގުޅުމަކީ ވިޔަފާރީގެ ގުޅުން. މިބައިގެ ގުޅުމަކީ އިންވެސްޓްމަންޓްގެ ގުޅުން. އެހެންވީމަ މި ގުޅުން އުފެދުނީމަ ހަޤީޤީ މާނައިގައި 2 ގައުމުގެ ދެމެދުގައި ގުޅުން އެންމެ ބަދަހިވެގެންދާނީ." ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ ގުޅުމަށް ބަލާއިރު ތައުލީމީ ދާއިރާ ޓެކްނޮލޮޖީ ދާއިރާ ޚާއްސަކޮށް އޭއައިގެ ދާއިރާއިން ޕްރައިވެޓް ސެކްޓަރއަށް ގުޅުން ބަދަހިކުރެވިދާނެކަމަށެވެ. ސަފީރު ވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު އަމަލުކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށްވެސް އަލިއަޅުވާލައްވާފައެވެ. މީގެ ފައިދާވެސް ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ގިނަ ގޮތްގޮތުން ނެގިދާނެކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބް ވިދާޅުވިއެވެ.

ޗައިނާއަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ މައި އެއް މަރުކަޒެވެ. ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހެޔޮއަގުގައި ޗައިނާއިން ރާއްޖެއަށް މުދާ ގެނައުމަށް ވަނީ މަގުފަހިވެގެންގޮސްފައެވެ.