ޚަބަރު

ސަރުކާރުދެކެ ބިރުން އުޅެން ނުޖެހޭނެކަމުގެ ޔަޤީންކަން ހޯދައިދެވިއްޖެ: ފައްޔާޟު


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފާއިތުވި ހަތަރު އަހަރު، ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ އެންމެބޮޑު ހިތްހަމަޖެހުމަކީ އެއްވެސް ރައްޔިތަކު ސަރުކާރުދެކެ ބިރުން އުޅެން ނުޖެހުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ހަތަރު އަހަރުގެ ކާމިޔާބީ ފާހަގަ ކުރަމުންދާއިރު، ޢުމްރާނީ ތަރައްޤީއާއިއެކު ރައްޔިތުންނަށް ލިބިގެންދިޔަ އެންމެބޮޑު ޔަގީންކަމަކީ މިސަރުކާރުން އަނިޔާވެރި ނުވާނެކަމެވެ.

ސަރުކާރުގެ ހަތަރު އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްފަހު، ސަރުކާރު ދެކެ ރައްޔިތުން އުޅުނު ބިރުވެރި މާހައުލު ނައްތާލެވި އަމާން މުޖުތަމައެއް ޤާއިމް ކުރެވިފައިވާކަމަށެވެ. މި ސަރުކާރުގެ ކުރިއަށް ނަޒަރު ހިންގައިފިނަމަ އެދުވަހު ރައްޔިތުންގެ މެދުގައި އޮތް ބިރުވެރި އަދި ނާމާންކަން ތަސައްވަރު ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ކޮންމެ ރައްޔިތަކަށްވެސް އޮތް އެންމެބޮޑު ޔަގީންކަމަކީ ނުހައްގު އަނިޔާއެއް ނުލިބި މިނިވަންކަމާއިއެކު ބަސްބުނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ވުންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުދެކެ ހިތްހަމަ ނުޖެހޭ ސިޔާސީ ވެރިންނާއި، އާންމު ރައްޔިތުން ޖަލަށްލައި އަނިޔާކޮށްގެން ވެރިކަން ނުކޮށްވެސް ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން ގެނުވޭނެކަން މިސަރުކާރުން ކަށަވަރު ކޮށްދީފައިވާކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

"ތިބޭފުޅުން ބައްލަވާ ޤައުމެއްގެ ސިފައިގައި އަޅުގަނޑުމެން ކުރިއަށްދާން މިވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރެއްދެކެ ބިރުން އުޅުނީ ކާކުތޯ؟ މީގެ ކުރީގައި ޑޮމިކްރަސީއަށް ބަދަލުވެގެން އައިއިރު ސަރުކާރުދެކެ ބިރުގަންނާނެ ހުރިހާ އެންމެން. ބައެއް ބޭފުޅުން ވިދާޅުވޭ ސަރުކާރުދެކެ ބިރު ގަންނަންޖެހެއޭ. ނޫން! ސަރުކާރުދެކެ އެގޮތަކަށް ބިރު ގަންނާކަށް ނުޖެހޭނެ. ސަރުކާރެއްގެ އަނިޔާވެރިކަން ލިބިދާނެކަމަށް ރައްޔިތުން ގަބޫލުކޮށްގެން ނުވާނެ. ބޭއިންސާފު އައިސްދާނެކަމަށް ގަބޫލުކޮށްގެން ނުވާނެ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވެ ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށްޓަކައި މަރުކަޒީ ގޮތުން ހިފެހެއްޓިފައިވާ ބާރުތައް ދޫކޮށްލާފައިވާކަމަށެވެ. އެގޮތުން އެންމެ އަސާސީ ޚިދުމަތް ކަމުގައިވާ ފެނާއި ނަރުދަމާ ނުލިބި މިސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގެ 75 އިންސައްތަ ރައްޔިތުންތިބިއިރު، މިއަދު އެކަން ބަދަލުވެއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ލާމަރުކަޒުވުމަކީ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް އަސާސްކަމަވާއިރު މިކަންވެސް އެއްވެސް ތަފާތެއްނެތި ކަށަވަރު ކޮށްދެވިފައިވާކަމަށް ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތަރައްޤީއަކީ ހަމައެކަނި އަޅާ ބަނދަރާއި، ބިނާކުރެވޭ ޢިމާރާތްތައް އެކަނި ނޫންކަމަށެވެ. ތަރައްޤީއަށް އެކަނި އަޅާކީނަމަވެސް މިސަރުކާރާއި އަޅާކިޔޭނެ ސަރުކާރެއް މާޒީގައިވެސް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަދި ބަލައިލައިގެން ނުވާނެ އުމްރާނީ ތަރައްޤީގައި އޮތީ ކިތައް ބަނދަރުތޯ އޮތީ ކިތައް ސްކޫލާ ކުލާސްރޫމްތޯ. މިއީ އެކަންޏޭއްނޫން އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި ދައުލަތެއްގެ ގޮތުގައި ކުރިއަށްދާން ބޭނުންވާނެ ކަންކަމަކީ. އެއީވެސް ރައްޔިތުންގެ އަސާސީ ކަންކަން. އެކަންކަން އަޅުގަނޑުމެންނަށް ކުރެވިއްޖެ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކެއް އެއްކޮށްލީމަ ކުރެވޭ ވަރަށްވުރެވެސް އިތުރަށް. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާހެން އަޅުގަނޑުމެން މިބުނަކީ ނުރުހޭ ބަޔަކަށް ހެވެއްވެސް ނުފެންނާނެ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ސިޔާސީ ޚިޔާލު ތަފާތުވުމަކީ އެމީހަކަށް އަދި އެރަށަކަށް ލިބެންޖެހޭ ކުރިއެރުމަށް އޮތް ހުރަހެއް ނޫންކަންވެސް ސަރުކާރުން ކަށަވަރު ކޮށްދީފައިވާކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.