ވިޔަފާރި

އެގްރި ސެންޓަރާ ގުޅިގެން 30 ދަނޑުވެރިންގެ އުފެއްދުން މާކެޓަށް


އެގްރި ސެންޓަރާއެކު 30 ދަނޑުވެރިން މަސައްކަތް ކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ މިދިޔަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ސަރުކާރަށް 4 އަހަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ދަނޑުވެރިކަމުގެ ތަކެތި އިމްޕޯޓްކުރުމަކީ އޭގެ އަގު އުފުލޭކަމެއްކަމަށެވެ. އަމްރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ފުޑް ސެކިއުރިޓީ އިތުރުކުރަންޖެހޭކަމަށާއި، އެކަން އެންމެ ބޮޑަށް އެނގިގެންދިޔައީ ކޯވިޑްގެ ތެރޭގައިކަމަށެވެ. އެހެންކަމުން އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ދަނުވެރިކަމުގެ ބާވަތްތަކަށް ބާވަތްތަކަށް ޚާއްޞަކޮށް ސެންޓަރެއް ހުޅުވި އެންމެ މުހިންމު އެއް ބޭނުމަކީ، ދަނޑުވެރިކަމުގެ ތަކެތި އިމްޕޯޓްކުރުން މަދުކޮށް ފުޑްސެކިއުރިޓީ ފުޅާކުރުންކަމަށް އަމްރު ވިދާޅުވިއެވެ.

އެގްރި ސެންޓަރުން ކޮންމެ އަހަރަކުވެސް ރަނގަޅު އަގުގެއްގައި ދަނޑުވެރިން އުފައްދާ ބާވަވްތްތައް ގަންނާނެކަމަށާއި، އެހެންކަމުން އެސްޓީއޯއިން ދަނޑުވެރިންނަށް ފަހިކޮށްދީފައިމިވަނީ ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަން ކުރެވޭނެ އަދި އެކަން ފުޅާކުރެވޭނެ މަގެއްކަން އަމްރު ފާހަގަކުރެއްވިއެވެ. އަމްރު ވަނީ މިހާރު އެސްޓީއޯއާއި ގުޅިގެން 30 ދަނޑުވެރިން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

"ދަނޑުވެރިކަމަށް މީހުން ކިތަންމެ ޝައުގުވެރިކަން ހުއްޓަސް އެކަމަކީ ވިޔަފާރިއެއްގެ ގޮތުގައި އާމްދަނީއެއް ހޯދަން ކުރެވޭނެ ކަމެއްގެ ގޮތުގައި އޮންނަނީ ނުވެފައި. އެހެންވީމަ އަޅުގަނޑުމެން ނިންމީ ހައްދާ އެއްޗަށް ރަނގަޅު އަގެއް ލިބިގެން އެ ވިޔަފާރިކުރެވޭނެ މާޖިންއެއް އިނދެގެން އެއަށް ހުންނަ އަގުތަކެއް ކަނޑައެޅަން. އަޅުގަނޑުމެން ބުނިން މުޅި އަހަރުވެސް އަޅުގަނޑުމެން ގަންނާނަމޭ މި އަގަށް. ބުނީމަ ހިސާބުޖެހޭ ފީސިބިލިޓީވެސް ހެދޭ. އަދިލޯނު ނަގައިގެން ގްރީންހައުސްވެސް އެޅޭ." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ އެގްރި ސެންޓަރުން މިހާރު ދަނީ ދަނޑުވެރިންގެ އަތުން 17 އަށްވުރެ ގިނަ އުފެއްދުން ގަންނަމުންނެވެ. އެގްރި ސެންޓަރުން ދަނޑުވެރިންގެ އަތުން ގަންނަ ބާވަތްތައް ދަނީ ހޯލްސޭލްކޮށް ވިޔަފާރިތަކަށް ވިއްކަމުންނެވެ. މިއާއެކު ދަނޑުވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަންކޮށް، އެކަމުން ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ފުރިހަމަ ގޮތުގައި ލިބޭނެކަމަށް އެގްރި ސެންޓަރުން ބުންޏެވެ.