ޚަބަރު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފި


އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާހަމައަށެވެ. ކުރިން އޮތްގޮތުންނަމަ މިއޮފީހުގު މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެއެވެ.

މި އޮފީހުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި މިމުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާތީއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލެވިގެންވާ ގޮތް


* އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ/ ނ. މާފަރު (ޗީފް އޮމްބަޑްސްޕަރސަން)
* އަލްއުސްތާޛާ ޖިހާދާ އަނީސް، ބްލޫރޯޒް/ ގއ. ކަނޑުހުޅުދޫ (އޮމްބަޑްސްފަރސަން)
* އަލްއުސްތާޛު މުޞްޠަފާ ޙަމީދު، ކަނީރުމާގެ/ރ.އަނގޮޅިތީމު (އޮމްބަޑްސްފަރސަން)

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.

އެއޮފީހަށް މައްސަލަ ހުށައެޅުމަށް 13 ޖޫން 2021ގައި ހުޅުވާލި 3 މަސް ދުވަހުގެ މުއްދަތުގައި ޖުމްލަ 489 މައްސަލަ ހުށައެޅިއެވެ. އޭގެތެރެއިން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އޯ.ޓީ.ޖޭގެ އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލައެކެވެ.

މީގެ ތެރެއިން މިހާތަނަށް 111 މައްސަލައެއް ތަޙުޤީޤުކޮށް ވަނީ ނިމިފައެވެ.