ޚަބަރު

ހިޔާގެ 900 ފްލެޓު ހުރީ ބޮޑު އަގުގައި ކުއްޔަށްދީފައި


ހިޔާ ފްލެޓުގައި 900 ފްލެޓަކުން ސަރުކާރަށް ދޭންޖެހޭ އަގަށްވުރެ ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައިވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ދާދިފަހުން ބޯހިމެނުމުގައި އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ އަލީގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓު ދިނުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކުގެ ވާހަކަ ތަފްޞީލުކޮށްދެއްވާފައެވެ. އަދި އޭގެސަބަބުން ނިކުންނަމުންދާ ނަތީޖާވެސް މިނިސްޓަރވަނީ ފާހަގަކުރައްވަފައެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގައި ލިބުނު މީިހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ މާލެއަށް ނިސްބަތްވާ މީހުން ނޫންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރު މީހުން ދިރިއުޅެން ފަށާފައިވާ ފްލެޓްތަކުގެ ތެރެއިން، 900 ފްލެޓަކުން ސަރުކަރަށް ދައްކަންޖެހޭ އަގަށްވުރެ ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހިޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ކުލި ނުދައްކާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ބޮޑެތި މައްސަލަތައްކަމަށެވެ.

"ހިޔާ ފްލެޓު ދިނުމުގެ އުޞޫލުގައި 18 އަހަރާއި 40 އަހަރާއި ދެމެދުގެ އުމުރުގެ މީހުންގެ ކެޓަގަރީގައި ނުޖެހޭ ބަލާކަށް އެމީހާ ދިރިއުޅެނީ މާލޭގައި ތޯވެސް. ހަމައެގޮތަށް، ސިވިލް ސަރވަންޓުންގެ ކެޓަގަރީގައިވެސް، ނަރުހުން އަދި ޑޮކްޓަރުންގެ ކެޓަގަރީގައިވެސް ނެތް އެފަރާތްތައް ދިރިއުޅެނީ މާލޭގައި ތޯބެލުން ލާޒިމުކޮށް. ކަނޑައެޅިގެން އެބައިނގޭ ޙައްގު ނޫން މީހުންނަށް އެތަނުން ފްލެޓު ލިބިފައި އެބަހުރިކަން" މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާގެ ފްލެޓުތަކުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު މިނިސްޓަރ އަސްލަމް ވަނީ މިހާރުގެ ނިޒާމު އޮތްގޮތުން މިއިން އެއްވެސް ފަރާތަކާއި މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތްކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެތައް ބައެއްގެ ޙައްގުތަކަށް އަރައިގަނެ، ބޮޑު އަގުގައި ފްލެޓުތައް ކުއްޔަށް ދީފައިވާ މީހުންނާއި، ފްލެޓުގައި ދިރިއުޅެމުން ފްލެޓަށް ކުލި ނުދައްކާ ފަރާތްތަކާއި މެދުވެސް އަދި ޙައްގު ނޫންގޮތުގައި އެތަނުގައި ދިރިއުޅެމުންދާ ފަރާތްތައް އިނގޭނެ ގޮތެއް ނެތްކަމުގެ ކަންބޮޑުވުންވެސް މިނިސްޓަރ ވަނީ ފާޅުކުރައްވާފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ކަންކަން ހަމަޖައްސާނެ ރަނގަޅު ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށެވެ. މިގޮތުން ވޯލްޑް ބޭންކާއި ގުޅިގެން މިފަދަ އުޞޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައި މިވާ ހިޔާގެ މައްސަލަތައް ޙައްލުކުރުމަކީ ފަސޭހަ ކަމެއް ނޫންކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރު ހިޔާ ފެލްޓަށް މީހުން ބަދަލުވާންފަށާފައިވާއިރު މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 4561 ފްލެޓުގައި މީހުން ދިރިއުޅެން ފަށާފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. މިއާއެކު ހިޔާ ޓަވަރުތަކުގެ އާބާދީވަނީ 22000 އިން މައްޗަށް ގޮސްފައެވެ.