ޚަބަރު

ފުވައްމުލައް ސިޓީގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް


ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޤާއިމުކުރި ފުރަތަމަ، ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

އެކަމަށްޓަކައި ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދު އަދި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤުއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން އަދި ފުވައްމުލައް ސިޓީގެ ކައުންސިލް އިދާރާގެ އިސްވެރިންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ހުޅުވުމަމް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، މީގެ 28 އަހަރު ކުރިން މީހުން ބަންދުކުރާއިރު ކުޑައެއް ބޮޑެއް ތަފާތެއްނުކުރާކަން ފާހަގަކުރައްވައި އޭރުގައި މީހުން ބަންދުކުރެވޭ ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އޭރުގައި އަމަލުކުރަމުންދިޔަ ގޮތްތަކަށް ވިސްނާލާއިރު ދަސްވެގެންދިޔަ ކަމަކީ މިއަދަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފިލާވަޅެއް ކަމުގައި ވިދާޅުވިއެވެ.

އޭރުގައި މީހަކު ކުށެއްކޮށްފިނަމަ އިންޒާރެއްދިނުމަށްފަހު އެ ކުށް 3 ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އަދި އެއީ ދައުވާކުރެވޭވަރުގެ މައްސަލައެއްކަމަށްވާނަމަ ދައުވާކުރުމަށް ޕްރޮސެކިއުޓަރ އޮފީހަށް ފޮނުވާކަމަށް މަންނާނު ވިދާޅުވިއެވެ. އަދި އެގޮތަށް ކަންތައްކޮށްގެން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާކަމަށް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު ކުއްޖަކު ދެވަނަ ފަހަރަށް ކުށެއް ކޮށްގެން ގެނެވޭހިނދު އެކުއްޖަކު ބައިންދައިގެން ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މަޢުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާކަމަށެވެ. އެހެންނަމަވެސް އެންމެ ކުރީގައި މިގޮތަށް މިކަންކުރާނެ ބަޔަކު ނުތިބޭކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިން ކުރާ ކުށްތައް މަދުކުރުމަށް ފުލުހުންކުރާ މަސައްކަތުން، ކުޑަކުދިންނަކީ ކުށްތަކާ ދުރުވެ މުޖުތަމައަށް ބޭނުންތެރި ދަރިންތަކަށްވެގެން ދިއުން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިއަދު ހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި، ކުޑަކުދިންނަށް ޚާއްސަކޮށްގެން އިންޑޯރ އަދި އައުޓް ޑޯރ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި، ލައިބްރަރީއަކާއި، ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއް ޤާއިމުކޮށްފައިވެއެވެ.