ޚަބަރު

ޔާމީންގެ ދިފާއުން ދޮގު ހެކި ދިންކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތައް ބަލައިގެންފި


ވ.އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ބައެއް ހެކިންގެ ހެކިބަހާއިމެދު ސުވާލު އުފައްދައި ދޮގުހެކި ދީފައިވާކަން ސާބިތުކޮށް ދިނުމަށް ދައުލަތުން ހުށައެޅުއްވި އައު ހެކިތަން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

ވ.އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއްމިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވިކަމަށެވެ. މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއަހުމުގައި ދައުލަތުން ވަނީ އާހެކިތަކެއް ހުށަހަޅާފައެވެ.

މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި ދައުލަތުން ހުށަހެޅި ލިޔުންތައް ބަލައިގަތުމަށް ނިންމެވިކަން އިއުލާން ކުރެއްވުމަށްފަހު ޤާޟީ ވަނީ މިލުންތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށް ދައުލަތަށް ފުރުޞަތު ދެއްވާފައެވެ.

ދައުލަތުން ހެކިހުށަހަޅަމުން ދަނިކޮށް ޔޫސުން ނައީމްގެ ވަކީލު ވަނީ ދައުލަތުން ހުށަހެޅި ހެކިތަކާއިމެދު ވާހަކަ ދައްކަން ފުރުޞަތު ދިނުމަށްފަހު އަލުން ގޮތެއް ނިންމައި ޤާޟީގެ ނިންމެވުން އަލުން ރިވިއުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ނިންމެވީ ކުރީގެ ޝަރީއަތުގައި އާއު ހެއްކާއިމެދު ޢަމަލު ކުރަން ނިންމާފައިވާ ގޮތާއި އެއްގޮތަށް ކުރިއަށް ދިއުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ މިމައްސަލާގައި ދިފާއުން ހެކިހުށައެޅިއިރު، ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށްވެސް އެސަބަބުތަކާއި ދެކޮޅަށްވެސް ހެކިލިބިފައިވާކަމަށެވެ. އެގޮތުން މިމުއާމަލާތާއި ގުޅޭ ބައެއްކަންކަން ކުރިއަށްދިޔަ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް، އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާނެކަމަށް ދިފާއީ ހެކިންގެ ތެރެއިން އީވައިސީގައި ހިމެނިވަޑައިގަންނަވާ ހެކިވެރިވެރިޔަކު ބުނެފައިވާތީ އެކަން ނަފީކުރުމަށް ދައުލަތުން ވަނީ އީވައިސީގެ ޔައުމިއްޔާ ހުށައަޅުއްވާފައެވެ. އަދި މިމައްސަލާގައި ދިފާއުން ހުށަހެޅި ހެއްކެއްގެ ވަޒީފާގެ ހާޒިރީ ރެކޯޑުވެސް ދައުލަތުން ވަނީ ހުށައަލުއްވާފައެވެ.

މިމައްސަލައިގައި މިއަދު އައު ހެކިތަކާއި ގުޅޭ ލިޔުންތައް ދައުލަތަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ. އަދި މިމައްސަލައިގެ ހެކިތަކާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ޝަރީއަތްތައް ވަނީ ނިންމާލާފައެވެ. މިމައްސަލައި ހެއްކާއި ބެހޭ ގޮތުން ކުރިއަށް ގެންދަންޖެހޭ ބައި މިއަދު ކުރިއަށް ގެންގޮސް މައްސަލައިގެ ޚުލާސާ ބަޔާން އިއްވާނެ ދުވަހެއްވެސް ދައުލަތަށް އަދި ދައުވަ ރައްދުވާ ފަރާތަށްވެސް ކޯޓުން އަންގާފައިވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.