ޚަބަރު

އަމީނީ މަގުގެ ދެވަނަ ސެގްމަންޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: އާރްޑީސީ


އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގެ ވަރަށް އަވަހަށް ފެށޭނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މޫސާ އަލިމަނިކު ވިދާޅުވެއްޖެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރް.ޑީ.ސީން ކުރަމުން އަންނަނީ ތަފާތު ސެގްމަންޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމިގެން ދެވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށް މިހަރު އޮތީ ތައްޔާރުވެފައެވެ.

ސަރުކާރުގެ ވޭތުވެދިޔަ 4 އަހަރުގެ ކާމިޔާބީއާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މޫސާ އަލިމަނިކު ވިދާޅުވީ، ދެވަނަ ސެގްމަންޓުގެ ދަށުން މަސައްކަތް ފެށުމަށް އާރް.ޑީ.ސީއިން ކުރަންޖެހޭ ހުރިހާކަމެއް ނިމިފައިވާކަމަށެވެ. އަދި ޔޫޓިލިޓީސް ކުންފުނިތަކުގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ ސާމާނު ލިބުމާއެކު މަސައްކަތް ފެށޭނެކަމަށް އާރް.ޑީ.ސީގެ އެމްޑީ ވިދާޅުވިއެވެ.

"އެމްޑަބްލިއުއެސްސީގެ ބައެއް މެޓީރިއަލްސް ލިބޭނެކަމަށް ވިދާޅުވެފަ އޮތީ. އަމީނީ މަގުގެ ސައިޓަށް ޑެލިވަރ ކޮށްދެއްވާނެކަމަށް އެކުންފުނިން އޮތީ ވިދާޅުވެފައި. އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދެނީ ދެވަނަ ސެގްމަންޓް އަދި ތިންވަނަ ސެގްމަންޓްގެ މެޓީރިއަލްސްތައް އެއްކޮށް، އެހެންވުމުން މި ދެސެގްމަންޓްގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ދާނެކަމަށް މިބަލަނ." އާރްޑީސީގެ އެމްޑީ ވިދާޅުވިއެވެ.

އަމީނީމަގުގެ ދެވަނަ ސެގްމަންޓު ހެދުމަށް މިހަރު ތައްޔާރުވެފައިވާއިރު ކުރިއަށް އޮތީ ސްކޫލް ކުދިންގެ ޓެސްޓު ދުވަސްވަރެވެ. އެހެންކަމުން އެދުވަސްވަރު އެސަރަޙައްދުގެ މަސައްކަތް ކުރާއިރު ކުދިންނަށް އަޑުގަދަވެގެން އުނދަގޫވާނެތީ، ސްކޫލްތަކުގެ އިމްތިޙާނު ޓައިމްޓޭބަލް ހިއްސާކުރުމުން ޓެސްޓުގެ ބައިގަޑިއިރު ކުރިން މަސައްކަތް ހުއްޓާލާނެކަމަށް އާރް.ޑީ.ސީގެ އެމްޑީ މޫސާ އަލިމަނިކު ވިދާޅުވެއެވެ.

އާރް.ޑީ.ސީއިން ވިދާޅުވީ، މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް ޢާއްމުނަށް ހުޅުވާލާގޮތަށްކަމަށެވެ. އަދި ތާރު އަޅާނީ ބިލަބޮންގ ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހުކަމަށް އާރްޑީސީއިން ވިދާޅުވެއެވެ.

އަމީނީ މަގުގައި އެކިދުވަސްވަރު އަޅާފައިވާ ކޭބަލްތަކާއި ހޮޅިތައް ހުރިގޮތް މިހާރު އެނގިފައިވާކަމަށާއި ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރިއިރު ގިނަ ތަޖުރިބާތަކެއް ލިބިފައިވާކަމަށް އާރްޑީސީއިން ވިދާޅުވެއެވެ. އެހެންކަމުން މިހާރު މަސައްކަތްކުރިއަށްގެންދަންވީ ގޮތް އެނގި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ސްޕީޑު އަވަސްވާނެކަމަށް އާރް.ޑީ.ސީއިން ވިދާޅުވެއެވެ.

އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.