ޚަބަރު

42 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްވެ، ތަރައްޤީގެ ބާރު ސީދާ ކައުންސިލަށް


ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލުމަށް މަތިކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން، ހުށައަޅާފައިވާ ރަށްރަށުގެ ތެރެއިން 42 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން މިހާތަނަށް ފާސްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ، އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤް ވިދާޅުވީ ކައުންސިލްތަކުން މިހާތަނަށް 77 ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އެމިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. މީގެތެރެއިން 42 ޕްލޭނެއް މިހާތަނަށް ފާސްކޮށް ނިމިފައިވާކަމަށް ޝާނާ ވިދާޅުވިއެވެ.

ޝާނާ ވިދާޅުވީ ބައެއް ރަށްރަށުން ލޭންޑް ޔޫސް ޕްލޭން ފޮނުވާއިރު ބައެއްކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން އަލުން ޕްލޭން އިސްލާޙުކުރުމަށް ފޮނުވާލާކަމަށެވެ. އެގޮތުން ފޮނުވާލަންޖެހުނު 11 ރަށަކަށް ލޭންޑް ޔޫސް ޕްލޭން އިސްލާޙުކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް ޝާނާ ވިދާޅުވިއެވެ. އެހީތެރިކަން ފޯރުކޮށް ދީފައިވަނީ އާބާދީ ވަރަށް ކުޑަ އަދި ބަޖެޓުގެ ތާށިކަމުގެ ސަބަބުން އައުޓްސޯސްކޮށްގެން ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ދަތިވެފައިވާ ރަށްރަށަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލޭންޑް ޔޫސް ޕްލޭނަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު އެއްބައެވެ. ލާމަރުކަޒީ ޤާނޫނާއެކު ކައުންސިލްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެ އެކި މަޝްރޫޢުތައް ހިންގުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށް ލޭންޑް ޔޫސް ޕްލޭން ވަނީވެފައެވެ.

ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރަނީ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެ ރަށެއްގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެކަމަށެވެ. އެހެންނަމަވެސް މިމަސައްކަތްކުރުމަށް ގިނަ ދަތިތަކެއް ކުރިމަތިވެ ވޭތުވެދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ ޝަކުވާވަނީ ބޮޑުވެފައެވެ.

މިމައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީންވަނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް މަޢުލޫމާތު އެއްކުރުމަށް ނަގާ ވަގުތު ކުޑަކޮށް އެކަން ފަސޭހަކުރުމަށް ޑްރޯން މެދުވެރިކޮށް މަޢުލޫމާތު އެއްކުރެވޭނެ މަގު ކައުންސިލްތަކަށް ފަހިކޮށްދީފައެވެ. މީގެސަބަބުން މަސައްކަތުގެ ސްޕީޑު އަވަސްވެ މިއަހަރުގެ މިހާތަނަށް 77 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ނިމި 42 ޕްލޭނެއްވަނީ ފާސްކޮށްފައެވެ.