ވިޔަފާރި

އެސްޓީއޯ ސުޕަރމާކެޓަށް ގެނައި ބަދަލާއެކު ކަސްޓަމަރުންގެ އަދަދު 3 ގުނަ އިތުރުވެއްޖެ


ބޮޑެތި ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ބޮޑުކޮށް މިދިޔަ މާރޗްމަހު ހުޅުވިފަހުން އެތަނުން ވިޔަފާރިކުރާ ކަސްޓަމަރުންގެ އަދަދު 3 ގުނަ އިތުރުވެއްޖެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ބޮޑުކުރުމަށްފަހު ހުޅުވާފައިވަނީ މިދިޔަ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ.

ބޮޑެތި ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ބޮޑުކޮށް ހުޅުވިއިރު އެ ތަނުގައި މިހާރު އާންމު ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަދީފައެވެ. މީގެތެރޭގައި ބޭކަރީތަކާއި، ބުކްޝޮޕްތައް އަދި ރީތިވުމަށް ބޭނުންވާ ސާމާނާއި، ކުޑަކުދިން ކުޅޭ ސާމާނު ވިއްކާ ފަރާތްތަކުން އަންނަނީ ތަކެތި ވިއްކަމުންނެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ސަރުކާރަށް 4 އަހަރު" މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯ ޕީފަލްސް ޗޮއިސްގައި މިހާރު 38 ވިޔަފާރިއަކުން ވިޔަފާރިކުރަމުންދާކަމަށެވެ. އަދި ޕީޕަލްސް ޗޮއިސްގައި ތަކެތި ވިއްކުމަށް ގިނަ ވިޔަފާރިތަކަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ ސްޕަމާކެޓުގައި އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމުން ވިޔަފާރިކުރަން އަންނަ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަމަށެވެ. އަދި ކުރީގެ ސުޕަމާކެޓުން ގަންނަން އަންނަ ކަސްޓަމަރުންނާއި އަޅާބަލާއިރު ގެނައި ބަދަލާއިއެކު ކަސްޓަމަރުން އަދަދު 3 ގުނަ އިތުރުވެފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.

ޕީޕަލްސް ޗޮއިސްގައި ވިޔަފާރިކުރުމަށް ވިޔަފާރިތަކުން ފާޅުކުރާ ޝައުޤުވެރިކަން ބޮޑުވުމުގެ ސަބަބުން އެސްޓީއޯއިން މިހާރު ވަނީ ފުރަތަމަ ފަންގިފިލާގެ މަސައްކަތްވެސް ފަށާފައެވެ. އަމްރު ވިދާޅުވީ، ފުރަތަމަ ފަންގިފިލީ ހުޅުވިގެން އަންނައިރު އެތަނުގައި ތަފާތު އެކި ބާވަތްތަކުގެ މުދާ ލިބެން ހުންނާނެކަމަށެވެ.

"މިހާރު އަޅުގަނޑުމެން ފުރަތަމަ ފަންގިފިލާގައި ކުރިން ހުރީ ކުދިކުދި ފިހާރަތަކެއް ހަދާފައި. އެތަންތަން އަޅުގަނޑުމެން މި ތަޅާލަނީ. އަޅުގަނޑުމެންނަށް މި ހަފްތާ ތެރޭގައި އެ މަސައްކަތް ފެށޭނެ. ތަޅާލުމާއިއެކީގައި އަޅުގަނޑުމެން ދެން ޖެހޭނީ އެތަން ހެދުމުގެ މަސައްކަތް ކުރިއަށްގެންދަން. އަޅުގަނޑުމެން ބަލަނީ އެންމެ ލަސްވެގެންވެސް މިއަންނަ އަހަރުގެ ޖޫންއާއި ހިސާބަށް އަޅުގަނޑުމެންނަށް އެތަން ހުޅުވޭނެކަމަށް. އެތަންވެސް އަޅުގަނޑުމެން ޑިޒައިން މިކުރަނީ އާންމު ވިޔަފާރިތަކަށް އެތާ އެތެރެއަށް އައިސް ވިޔަފާރިކުރެވޭނެ ގޮތައް. އެސްޓީއޯއިން އެއްޗެހި ގަނެގެން ގެނެސް އަމިއްލައަށް ވިޔަފާރި ކުރާކަށެއްނޫން." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ވިދާޅުވީ، ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން 60 ވިޔަފާރިއަކަށް ފުރުސަތު ދެވޭނެކަމަށް ޤަބޫލުކުރާކަމަށެވެ. އަދި އެތަނުގައި ތަކެތި ވިއްކުމަށް މިހާރުވެސް ޝައުގުވެރިކަން އައިސްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެތެރޭގައި ލަގެޖް، ގަޑި، ގަހަނާ، ކުޅިވަރުގެ ސާމާނު ފަދަ ތަކެތި ވިއްކާ ފަރާތްތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.