ޚަބަރު

އަންނަ މަހުގެ 16 ވަނަ ދުވަހު އޮލިމްޕަސް ހުޅުވަނީ


އޮލިމްޕަސް މަރާމާތުކޮށް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ނިންމައި އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވާނެކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އެގޮތުން ޓިކެޓް ކައުންޓަރަށް ބަދަލުގެނައުމާއި، ކޮރިޑޯއާއި އަދި އިމާރާތުގެ ބޭރަށްވެސް ބަދަލު ގެނެސްފައިވެއެވެ.

އޮލިމްޕަހުގެ މަސައްކަތް ނިންމޭނެ ތާރީޚަކާއި، މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާޢީ ކުރެއްވި ސުވާލައް ޖަވާބު ދެއްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، އޮލިމްޕަސް ހުޅުވުން ލަސްވެފައިވަނީ އެތަން ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމަށް ދިމާވި ދަތިތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، އޮލިމްޕަސް ނިމުމާއެކު ދިވެހި ފަންނާނުގެ ހުނަރުދައްކާލުމުގެ ޕްލެޓްފޯމެއް ޤާއިމްވެގެންދާނެކަމަށެވެ.

މިގޮތުން އޮލިމްޕަހުގައި ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި، މިއުޒިކާއި ޑާންސް ޕްރެކްޓިސްކުރުމަށް ޚާއްސަ ކޮޓަރިތައް ހެދިގެންދާނެކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

"މި މަޝްރޫއު ނިމިގެންދާއި ސަރައުންޑިންގ ސައުންޑް ސިސްޓަމްތަކާއި، ސްޓޭޖް ޑްރާމާތައް ކުރިއަށް ގެންދެވޭނެ ގޮތައް ލައިޓްސްތައް ހުންނާނެ. ކެފޭ އެއް ހުންނާނެ. ފަންނާނުން ހިންގާ ހަރަކާތްތައް އިޝްތިހާރު ކުރެވޭނެ ގޮތް ހުންނާނެ" މިނިސްޓަރ ޔުމްނާ މަޢުމޫން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރިގޮތަށް، މިހާތަނަށް އޮލިމްޕަސް ހުޅުވާފައެއް ނުވެއެވެ. މަރާމާތުގެ މަސައްކަތްތައް ފެށީ ކޯވިޑްގެ ސަބަބުން އިމާރާތް ބަންދުކޮށްފައިވަނިކޮށެވެ.

މިހާރު ފަށާފައިވާ އޮލިމްޕަހުގެ މަރާމާތުގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައި ކުރިއަށްގެންދާ މަސައްކަތެވެ. އޮލިމްޕަހުގެ ޚިދުމަތް ނުފެށި ލަސްވުމަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެވެސް ބޮޑު ކަންބޮޑުވުމެކެވެ.

އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމް ދައްކަން ފެށީ 1980ވަނަ އަހަރުން ފެށިގެންނެވެ.