ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ޢާއްމު މީހުންނަށް ލިބޭ ގިނަ ފުރުޞަތުތަކުން މަޙްރޫމްވެފައިވާ ކުދިންތަކެކެވެ. އެކުދިންގެ ޙައްގުގައި ވަކަލާތުކުރާ ހެޔޮ އެދޭ މީހުން މުޖުތަމަޢުގައި ތިބިނަމަވެސް ގިނަ ފަހަރަށް މިފަދަ ކުދިންނަކީ މުޖުތަމަޢު ތެރެއިން މަލާމާތައި ފުރައްސާރައާއެކު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކުދިންތަކެކެވެ. އެހެންނަމަވެސް މިހިތި ޙަގީގަތް މަޑުމަޑުން ބަދަލުވަމުންދާ މަންޒަރު މިހާރު އަންނަނީ ފެންނަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް މިމަހުގެ 14، 15 ގައި ވަނީ "ރިވެލި މަޢުރަޒު 2022" ބާއްވާފައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރުތައް ދައްކާލާ އެކުދިންނަށް ޢާމްދަނީ ލިބޭނެ މަގު ފަހިކުރުމަށް ކުރިއަށްގެންދިޔަ މިމަޢުރަޒަކީ މީގެ ކުރިން ބޭއްވި މައުރަޒު ތަކަށްވުރެވެސް ތަފާތު ބޮޑު މައުރަޒެކެވެ. މިމަޢުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ ކުދިންތަކެއް ބައިވެރިވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި މިފަހަރުގެ މަޢުރަޒު އެހެން އަހަރުތަކަށްވުރެ ކާމިޔާބުކަން ޖެންޑަރ މިނިސްޓްރީ އިން ފާހަގަކުރައްވައެވެ.
ރިވެލި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ޖެންޑަރ މިނިސްޓްރީން ބާއްވާ މަޢުރަޒެކެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާތުމަތު މުނާޝާ ވިދާޅުވީ، މިފަހަރު ކުދިންގެ ފަރާތުން ލިބުނު ތަރުޚީބު ވަރަށް ބޮޑަށްވެސް ތަފާތުކަމަށެވެ. އަދި މިއީ އެކުދިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވާނެ ފުރުޞަތެއްގެ ގޮތުގައި މުނާޝާ ފާހަގަކުރެއްވިއެވެ.
"މިއީ މިފަދަ 3 ވަނަ އެގްޒިބިޝަން. އެހެން ފަހަރުފަހަރަށްވުރެ ދަންނަވާނީ ބައިވެރިވި ކުދިންގެ ޢަދަދު 3 ގުނަ އިތުރޭ. ފެށުނު ދުވަހުވަނީ ވަރަށް ގިނަ ކުރެހުންތައް ވިކިފައި. އެހެންވީމަ ޢާއްމުންވެސް ބަލައިގެންފިކަން އެބަ އިނގޭ ކުދިންގެ ހުނަރު. މިއީ އެކުދިންނަށް ޢާމްދަނީ ލިބޭނެ މަގެއް" މުނާޝާ ވިދާޅުވިއެވެ.
މި އަހަރުގެ މަޢުރަޒުގައި ޖުމްލަ 95 ބައިވެރިން ބައިވެރިވެ، އެފަރާތްތަކުގެ މަސައްކަތްތެރިކަމުގެ ހުނަރު ޢާއްމުންނަށް ދައްކާލާފައިވެއެވެ. އެފަރާތްތަކުގެ އުފެއްދުންތައް ހުށައަޅާފައި ވަނީ 5 ދާއިރާއަކުންނެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކާބޯތަކެތީގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއާއި، އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއެވެ. އަދި، މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުޞަތުވެސް މަޢުރަޒުގެ ތެރެއިން ހުޅުވާލާފައިވެއެވެ.
ޕީ.އެސް.އެމް ނިއުސްގެ ޓީމުން މަޢުރަޒުގައި ބައިވެރިވި ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި ވާހަކަދައްކާލުމުން މިއީ، އެކުދިން ވަރަށް ބޮޑަށް ޝަޢުގުވެރިވާ ފުރުޞަތެއްކަން ވަނީ ފާހަގަވެފައެވެ. މިގޮތުން އަތޮޅުތެރޭގެ ރަށްރަށުން ކުދިން މަޢުރަޒަށް ޚާއްސަކޮށް ވަރަށް ކުރު މުއްދަތެއްގައި ތަފާތު މަސައްކަތްތައްވަނީ ދައްކާލާފައެވެ. ބައެއް ކުދިންވަނީ އެކުދިންގެ ޝުޢޫރު ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކޮށްފައެވެ.
"އަޅުގަނޑު ތަސްވީރެއް ކުރަހާލީ. މި ތަސްވީރުން ދައްކައިދޭން ބޭނުންވީ މާލޭގައި ދިރިއުޅޭއިރު ގޮނޑީގައި ހުރެގެން އަޅުގަނޑަށްވާ އުނދަގޫތައް" އަޅުގަނޑުމެންނާއި ވާހަކަދެއްކި ކުއްޖަކު ބުންޏެވެ.
"އަޅުގަނޑުމެންފަދަ ކުދިންނަށް ފުރުޞަތުތަކެއް ފަހިވެގެންދާނެ މުހިއްމު ކަމެއް މިއީ. އަޅުގަނޑުމެން އެދެނީ މިފަދަ އިތުރު މަޢުރަޒުތައް އަދިވެސް ބޭއްވިގެން ދިޔުން" ކުޅުދުއްފުށިން މި މަޢުރަޒުގައި ބައިވެރިވި ކުއްޖަކު ބުންޏެވެ.
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުން މި މަޢުރަޒުގައި ވަނީ އަތްތެރިކަމުގެ ތަފާތު މަސައްކަތްތައް ދައްކާލާފައެވެ. މިގޮތުން ކުރެހުންތަކާއި، އުކާލެވޭ ބާވަތްތަކުން ހަދާފައިވާ އެކި އެއްޗިހި ވަނީ ދައްކާލާފައެވެ. މީގެއިތުރުން ފޮޓޯ ފްރޭމްއާއި، އަމިއްލައަށް ފަހާފައި ހުންނަ ހެދުން މައުރަޒުގައިވަނީ ދައްކާލާފައެވެ.
ޖެންޑަރ މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ބާއްވާ މިފަދަ މަޢުރަޒުތައް މިފަހަރުގެ މަޢުރަޒަށްވުރެވެސް ތަރުޚީބު ބޮޑު މަޢުރަޒަކަށް ހަދާ، ވީހާވެސް ގިނަ ކުދިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމެވެ.