ޚަބަރު

ޕީކް ސީޒަނާއި ދިމާކޮށް ޤައުމީ އެއަރލައިނަށް އޭޓީއާރުގެ މަތިންދާ ބޯޓެއް


ޕީކް ސީޒަންގެ ޑިމާންޑާއި އެއްވަރަށް ހިދުމަތްދިނުމަށް، ވަގުތީ ގޮތުން ބޭނުންކުރުމަށް އޭޓީއާރު މަތިންދާ ބޯޓެއް މޯލްޑިވިއަނުން ގެނެސްފިއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ އޭޓީއާރު މަރުކައިގެ 3 ބޯޓު ގެނައުމަށް އޯޑަރުދީފައެވެ. މި ބޯޓުތައް ލިބުން ލަސްވަމުންދާތީ ޕީކް ސީޒަނަށް ތައްޔާރުވުމަށް މޯލްޑިވިއަންއިން ދުރާލާ ވަނީ ވަގުތީގޮތުން ބޭނުންކުރުމަށް އޭޓީއާރު މަތިންދާ ބޯޓެއް ގެނެސްފައެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވިދާޅުވީ، މިހާރު އޯޑަރުދީފައިވާ ބޯޓުތަކުގެ ތެރެއިން 2 ބޯޓު ޑިސެމްބަރު މަހުގެ ދެވަނަ ހަފްތާގެތެރޭގައި ލިބޭނެ ކަމަށެވެ.

އަދި 3 ވަނަ އޭޓީއާރު ބޯޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ލިބޭނެކަމަށްވެސް މޯލްޑިވިއަނުން ހާމަކުރެއެވެ. ޖެނިފާ ވިދާޅުވީ މިހާރު ވަގުތީގޮތުން ބޭނުންކުރާ ބޯޓު، އޯޑަރުދީފައި ހުރި ބޯޓުތައް ލިބުމުން ދޫކޮށްލާނެކަމަށެވެ.

އައިލެންޑު އޭވިއޭޝަންގެ ވިސްނުން ހުރީ އޭޓީއާރުގެ ބޯޓުތައް އެތެރޭގެ އުދުުހުންތަކާއި ބޭރުގެ އުދުހުންތަކުގައި ބޭނުންކުރުމަށެވެެ.

އޭޓީއާރު ބޯޓުތަކުގެ އިތުރުން މޯލްޑިވިއަނުން ދަނީ ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ އައު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 21 ބޯޓެއް އޮވެއެެވެ. އޭގެތެރޭގައި 11 ސީ ޕްލޭން އަދި 9 ޑޭޝް- 8 މަރުކައިގެ ބޯޓު ހިމެނެއެވެ.