ޚަބަރު

އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި


ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅުއްވި އެ އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ އިޞްލާހާއި ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. މަޖިލީހުން ފާސްކުރީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބޭނެކަމަށް ލަފާކުރައްވާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.


މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީވެސް ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ. އެ ފިޔަވަޅުތައް ނާލައިފިނަމަ އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ލަފާކުރެވޭކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމު ކުރުމާށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުންވެސް ޚަރަދުކުޑަކުރުމަށް ހިމަނާފައިވެއެވެ.

ރާއްޖެއިން ޓެކުހަށް ގެންނަން ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. ރާއްޖޭގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިއެވެ.