ސިއްހަތު

ރާއްޖޭގައި ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ އަދަދު ދަށް


ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގައި ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި، ޅަފަތުގައި ކުދިން މަރުވާ ރޭޓް އެންމެ ދަށް ޤައުމަކީ ރާއްޖެކަމަށް ވަރަށް އަވަހަށް ކަނޑައެޅިގެންދާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ.އަރުވިންދު މާތޫރު ވިދާޅުވެއްޖެއެވެ.ޑރ.މާތޫރު މިހެން ވިދާޅުވީ، ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ތުއްތު ޢުމުރުގައި ކުޑަކުދިން މަރުވާން ދިމާވާ ސަބަބުތަކާ އެކަންތައް މޮނިޓާ ކުރުމާގުޅޭ ގޮތުން ދެކުނު އިރުމަތީގެ ޤައުމުތަކުގެ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް ރާއްޖޭގައި މިއަދު ފެށި ބައްދަލުވުން ފެށުމަށްފަހު ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައެވެ. ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި، ޅަފަތުގައި ކުދިން މަރުވާ ރޭޓް ދަށްކުރުމާއި، އެކަމާ ގުޅޭގޮތުން ފަންނީ މާހިރުންނާއެކު ބާއްވާ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދަނީ ޕްރެޑައިސް އައިލޭންޑް ރިސޯޓްގައެވެ. މިއީ ޞިއްޚީ ދާއިރާގެ މިފަދަ ބޮޑު ސަރަޙައްދީ  ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ހެލްތް މިނިސްޓްރީން ފާހަގަކުރައްވައެވެ. މި ބައްދަލުވުން ފަށްޓަވައިދެއްވުމަށްފަހު ދެއްވި ނިވްސް ސްޓޭޓްމަންޓެއްގައި ޑަބްލިޔޫއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު ވިދާޅުވީ، ރާއްޖޭގައި މި ބައްދަލުވުން ބާއްވާއިރު ރާއްޖެއަކީ ޞިއްޚީ ދާއިރާގައި މިކަން ވަރަށް ބޮޑަށް ހަރުދަނާކޮށް ކުރިއަށް ގެންދާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.ރާއްޖޭގައި މިބައްދަލުވުން ބޭއްވުމުގެ ބޭނުމަކީވެސް މިދާއިރާއިން ރާއްޖެ ކުރިއަރާފައިވާ މިންވަރު ހާމަކުރުން. އެގޮތުން ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޚީ މަރުކަޒުތަކުގައި މާބަނޑު އަންހެނުން ވިހެއުމުގައި ދެވޭ ޚިދުމަތްތަކާއި ތުއްތުކުދިންނަށް ދެވޭ ފަރުވާދެވޭ ސެންޓަރުތަކުން ވަރަށް ރަނގަޅަށް ފަރުވާދެމުންދާ ކަމަށެވެ. އަދި ޑަބްލިޔު އެޗްއޯއިންވެސް މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައި، ރާއްޖޭގައި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދެއްވުމަށް ތައްޔާރަށް އޮތްކަން ޑޮކްޓަރ މާތޫރު ފާހަގަކުރެއްވިއެވެ.ރާއްޖޭގައި ވިހެއުމުގެތެރޭގައި މަރުވާ މައިންނާއި، ތުއްތު ކުދިން މަރުވާ ރޭޓް ދަށްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، 1990 ގައި މިރޭޓް ހުރި ވަރަށްވުރެ 2014 ވަނަ އަހަރާ ހަމައަށް ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށެވެ.މި ރޭޓް ދަށްކުރެއްވުމަށް ހެލްތް ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، 132 ރަށެއްގައި ތުއްތު ކުދިންނަށް ފަރުވާދޭނެ އިންތިޒާމް ޞިއްޚީ ޚިދުމަތްދޭ ތަންތަނުގައި ވަނީ ޤާއިމްކުރައްވާފައެވެ. އަދި އައިޖީއެމްއެޗްގައި ވަނީ މި ޚިދުމަތް ވަރަށް ފުރިހަމައަށް ޤާއިމްކުރެވި، އެ ޑޭޓާތައް ނަންގަވަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރެއް މިހާރު މަސައްކަތްކުރައްވާނެއެވެ.މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި، ދެކުނު އިރުމަތީ އޭޝިޔާގެ 11 ޤައުމަކުން 107 މަންދޫބުން ބައިވެރިވެއެވެ.