ޚަބަރު

މިދިޔަމަހު އިމްޕޯޓް އިތުރުވެ، އާމްދަނީވެސް އިތުރު


މިދިޔަ އަހަރާ އަޅާބަލާއި މިއަހަރުގެ އޮކްޓޫބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އަމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %14 އިތުރު އަދަދެކެވެ.

އޮކްޓޫބަރު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޫރެވެ. އިންޑިއާއިން 681 މިލިޔަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިތުރުކޮށްފައެވެ. އޮމާންއިން 513 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން 510 މިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާއިން 462 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީން 490 މިލިއަން ރުފިޔާގެ މުދާ މިިދިޔަ މަހު އެތެރެކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއިން 219 ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 186 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ %15 ދަށްވުމެކެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކަށް ބަލާއިރު ތައިލޭންޑް، ޖަރުމަނުވިލާތް، މޮރިޝަސް،އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް ހިމެނެއެވެ.

ފާއިތުވި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ އޮކްޓުބަރުމަހާ އަޅާބަލާއިރު %24 ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރުމަހު 294 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޫބަރުމަހު މި ޢަދަދުވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އޮކްޓޫބަރުމަހު ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންއަށް ބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު 20،879 ޑިކްލަރޭޝަން ޕްރޮސެސް ކުރެވިފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.