ޚަބަރު

ނިރުފެހިގޭ އަލިފާނުގެ ހާދިސާ - ފުރަތަމަ ރޯވީ ގަރާޖުގައި، ދޮޅު މިނެޓުން މުޅި ގޭގައި ހުޅު ހިފި


މިދިޔަ ބުދަ ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެގޭ ތިރީގައި ހުރި ގަރާޖުގައިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެ މުޅި އިމާރާތް އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ.

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ މަޢުލޫމާތުތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގަރާޖްގެ މައި ދޮރު ހުރީ ބޭރުން ތަޅުލާފައިކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުއްލިއަކަށް ބާރު އަޑުފަށްގަނޑަކާއެކު ގަރާޖުގެ ތެރެއިން ހުޅު ފަޅައިގެން ގޮސްގެންކަމަށް ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ އަލިފާންގަނޑުގެ ހުޅު ފުރަތަމަ ހިފާފައިވަނީ ބުދަ ދުވަހުގެ ރޭ 00:26 ހާއިރުކަމަށެވެ. އަދި އަލިފާންގަނޑު އެ އިމާރާތުގެ އެހެން ބައިތަކަށް ފެތުރިގެން ގޮސްފައިވަނީ ދޮޅު މިނެޓްގެ ތެރޭގައިކަން ސާމިހް ފާހަގަކުރެއްވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި 26 މީހަކު ތިބިކަން ފާހަގަކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ސާމިހް ވިދާޅުވީ އޭގެ ތެރެއިން ގިނަ ބަޔަކު އިމާރާތުން ނިކުތްކަމަށެވެ. ނަމަވެސް އިތުރު ބަޔަކު އެތަނުގައި ތިބިކަން ފާހަގަކުރެވުމާއެކު އެމީހުން ސަލާމަތް ކުރުމަށް މަސައްކަތް ފެށިކަމަށާއި، އަދި 2 މީހަކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށިކަމަށެވެ. އަދި އެ 2 މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނިކޮށް އެކަކު ނިޔާވެފައިވާކަމަށާއި އަނެއްމީހާއަށް އަދިވެސް އަންނަނީ ފަރުވާ ދެމުންކަމަށް އޭނާ ވިދާޅުވިއެވެ.

މި އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ 2 މީހަކާއި އިންޑިއާގެ 8 މީހެކެވެ. މީގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ 3 މީހެއްގެ ހަށިގަނޑު މިހާރުވަނީ އެ ޤައުމަށް ފޮނުވާލާފައެވެ. އަދި ބާކީ ތިބި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ ޤައުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އަލިފާން ރޯވި ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ތަނެއް ކަމަށާއި އެތަން ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ވާތީ އެކަން ވެސް ވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފަންގިފިލާގައި 4 ކޮޓަރި، އަދި އަނެއް ފަންގިފިލާގައި 8 ކޮޓަރި ހަދާފައިވެއެވެ. އެ ތަންތަންވެސް ވަކިކޮށްފައި ހުރީ ފިލައިންނެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ރާއްޖޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.