ޚަބަރު

ގަލޮޅު ދަނޑުގެ މަސައްކަތް ފުރަތަމަ ކުއާޓަރުގައި ފެށުމަށް މަސައްކަތްކުރަނީ


އަންނަ މާޗްމަހުގެ ތެރޭގައި ގަލޮޅު ރަސްމީ ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަޚްލޫފް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި މަޝްރޫޢުތައް ތަރައްޤީކުރުމަށް ގިނަ ޕްރޮޖެކްޓްތަކެއް ފެށޭނެކަމަށެވެ.

ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ ރަށްރަށުގައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް ޢުމްރާނީ މަސައްކަތަކީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމެވެ. އެ ދަނޑުގައި ޒަމާނަށް ނުފެތޭ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށްވެސް ނުފެދޭ ބައެއް ކަންކަން ހުރުމުން، ބައިނަލްއަޤްވާމީ މުބާރާތްތައް އެތަނުގައި ބޭއްވުމަށްވެސް ވަނީ ގޮންޖެހުން ކުރިމަތިވެފައެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ނުފެތޭދީ ދަނޑުގެ ބައެއް ސަރަޙައްދުތައް މިހާރުވަނީ ބަނދުކޮށްފައެވެ. ޔޫތް މިނިސްޓަރ މަޚްލޫފް މީގެކުރިން ވިދާޅުވެފައިވަނީ ދަނޑު ތަޅާލުމުގެ މަސައްކަތް ފެށޭނީ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ދަނޑު ކުޅެވޭނެހެން ހުޅުވާލުމަށްފަހުގައިކަމަށެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ މަޚްލޫފް ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރަން ފަށާ 40 މިލިއަން ޑޮލަރުގެ މަޝްރޫޢުތަކުގެ ތެރޭގައި ގަލޮޅު ދަނޑުގެ މަސައްކަތްވެސް ހިމެނޭކަމަށެވެ. އަދި މިމަސައްކަތްތައް އަންނަ އަހަރުގެ މާޗް އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


"އެންމެ ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުދޭ. އެހެންނަމަވެސް މިމަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ދަނީ ތައްޔާރުވަމުން. މީގެއިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުން." މިނިސްޓަރ ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމަށް ހުއްދަ މިހާރުވަނީ ހުއްދަ ލިބިފައެވެ. އަދި މިނިސްޓްރީއިން މިހާރު ކުރަމުން އަންނަނީ ބިޑަށް ހުޅުވާލުމަށް ކަރުދާސްތައް އެކުލަވާލުމުގެ މަސައްކަތްތައްކަމަށް ޔޫތް މިނިސްޓްރީއިން ވިދާޅުވެއެވެ. އިންޑިއާގެ އެހީގައި ރާއްޖޭގެ 4 ސަރަޙައްދެއްގައި ސިންތަޓިކް ޓްރެކް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ބާސްކެޓުގެ އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ޒަމާނުއްސުރެ އޮތް މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމަށް ޙައްލެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަަމަށް ވިިދާޅުވެފައެވެ.

"ވަރަށް ގިނަ މީހުން އެދޭކަމެއް ބާސްޓެޓް ކުޅެވޭނެ ވަޞީލަތް ޤާއިމުކުރުމަކީ. އެހެންކަމުން ނޭޝަނަލް ބާސްކެޓް ބޯލް އެރީނާގެ މަސައްކަތްވެސް މީގެތެރޭގައި ހިމެނޭ." މަޙްލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ކުޅޭ، އެންމެ ވާދަވެރި އެއްކުޅިވަރަކީ ވޮލީއެވެ. މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢުތަކުގެ ތެރޭގައި 3 ކޯޓު ހިމެނޭހެން ވޮލީގެ އިންޑޯ ޓްރެއިނިންގ ސެންޓަރއެއް ޤާއިމުކުރަމަށް މަސައްކަތް އަންނަކަމަށެވެ. ހަމައެއާއެކު ނޭޝަނަލް ޓީޓީ ސެންޓަރުގެ މަސައްކަތްވެސް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެކަމަށް ޔޫތް މިނިސްޓްރީއިން ވިދާޅުވެއެވެ.