ޚަބަރު

އާބާދީގެ 14 އިންސައްތަ މީހުން ހަކުރުބަލީގެ ޝިކާރައަކަށް


ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކަންބޮޑުވުން އިތުރުވަމުން އަންނައިރު ހަކުރު ބައްޔަކީ މިފަދައިން އިތުރުވަމުންދާ އެއްބައްޔެވެ. ހަކުރު ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މިއަދަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހެވެ.

ގައިނަގަޔަށް ނާރާބަލިތަކުގެ ތެރެއިން ހަކުރުބަލި ވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައެވެ. ދާދިފަހުން މިނިސްޓްރީ އޮފް ހެލްތާއި ޤައުމީ ޔުނިވަރސިޓީއާއި ޑަބްލިއުއެޗްއޯ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ސަރވޭއަކުން ހާމަވެފައިވާގޮތުގައި ރާއްޖޭގެ އަބާދީގެ 14 އިންސައްތަ މީހުންނަކީ ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ ހަކުރުމަތި މީހުންނެވެ.

ސިއްޙީ ދާއިރާއިން މިއީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ މައިގަނޑު ސަބަބަކީ ފުރާނައަށް ނުރައްކާވާ ކަންކަމަށާއި، ދާއިމީ ބޮޑެތި ބަލިތަކަށް، މީގެ ސަބަބުން މީހާ ހުށައެޅިގެންދާތީއެވެ. އެގޮތުން ހާޓްއެޓޭކްއާއި، ސްޓްރޯކް އަދި ކިޑްނީ ބަލިތައް ޖެހުމަށް މެދުވެރިވާ އެއް ސަބަބަކީ ހަކުރު ކޮންޓްރޯލް ނުވުމެވެ.

ހަކުރު ކޮންޓްރޯލްކުރުމަށް ދުޅަހެޔޮ ކާނާގެ ބާވަތްތައް ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. އަދި ތައްޔާރީ ކާނާއާއި ދުރުހެލިވުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަންކަމެވެ. މީގެއިތުރުން ހަށިގަނޑުގެ ބަރުދަން ވަކި މިންވަރެއްގައި ހިފެހެއްޓުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަކީވެސް މުހިއްމުކަމެކެވެ.

ހަކުރު ބައްޔަކީ ހަށިގަނޑުގައި ގުލްކޯޒް ހުންނަ މިންވަރު ބެލެންސްކުރުމަށް ހަށިގަނޑުން އުފައްދަންޖެހޭ އިންސިއުލިންގ އުފެއްދުމަށް ނުކުޅެދުން ނުވަތަ އުފައްދާ އިންސިއުލިންގ ބޭނުންކުރުމަށް ހަށިގަނޑަށް ހުރަސްތަކެއް މެދުވެރިވުމުން ޖެހޭ ބައްޔެކެވެ. ހަކުރު ބަލީގެ 3 ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. އެއީ ޓައިޕް 2 ޑައިބިޓީސްއާއި، ޓައިޕް 1 ޑައިބިޓީސްއާއި، މާބަނޑު އިރު ބައެއް މީހުންނަށް ކުރިމަތިވާ ޖެސްޓޭޝަނަލް ޑައިބިޓީސްއެވެ.

ހަށިގަނޑުގެ ބަރުދަން ހުންނަޖެހޭ މިންވަރަށް ނެތުމާއެކު ހަރަކާތްތެރިވުން މަދުވުމުގެ ސަބަބުން ދިމާވަނީ ޓައިޕް 2 ޑައިބިޓީސްއެވެ. މީގެކުރިން މިބާވަތުގެ ހަކުރުބަލި ހަމައެކަނި ބޮޑެތި މީހުންގެ ކިބައިން ފެނުނުނަމަވެސް ފަހަކަށް އައިސް ކުޑަކުދިންގެ މެދުގައިވެސް އިތުރުވަމުންދާކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ.

ޓައިޕް 1 ޑައިބިޓީސްއަކީ ކުޑަކުދިންނާއި ޒުވާނުންނަށް ޖެހޭ ހަކުރު ބައްޔެވެ. މިބާވަތުގެ ހަކުރު ބަލި ޖެހޭ ފަރާތްތަކުން ކޮންމެ ދުވަހަކުވެސް އިންސިއުލިންގ އިންޖިކްޝަން ބޭނުންކުރަންޖެހެއެވެ. ޑޮކްޓަރުން ފާހަގަކުރައްވާގޮތުގައި ހަކުރު ބައްޔަކީ ދުޅަހެޔޮ ކެއިންބުއިންމުގެ އާދަތަކާއި ހަރަކާތްތެރިވުމާއެކު ބޭސް ބޭނުންކޮށްގެން ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވޭނެ ބައްޔެކެވެ.

ޢާއްމުގޮތެއްގައި ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި މާބޮޑަށް ކާހިތްވުމާއި ބަނޑުހައިވުމާއި އާދަޔާ ޚިލާފަށް ކަރުހިތްކުމާއި، ގިނަ ގިނައިން ކުޑަކަމުދާންޖެހުމާއި، ހަށިގަނޑު ހިރުވުމާއި، ވަރުބަލިވެ ބޯއެނބުރުމާއި، އަބަދު ނިދަން ބޭނުންވުމާއި، އަތްފައި އައްސިވުމާއި، ލޯފުސްވެ ފެނުމަށް ދަތިވުން ފަދަ ޢަލާމަތްތަކެވެ.

ބައިނަލްއަޤުވާމީ ހަކުރު ބަލީގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "މާދަމާގެ ރައްކާތެރިކަމަށް އުނގެނަމާ" މިޝިޢާރެވެ. ހަކުރުބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުގައެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ ހަކުރުބަލީގެ ނިސްބަތް މުޅި ދުނިޔޭގައިވެސް އިތުރުވަމުންދިޔުމާއި ގުޅިގެން 2006 ވަނަ އަހަރުގައެވެ.