ޚަބަރު

އަސޭރިއާ: ހުޅުމާލޭގައި ތަރައްޤީކުރާ އެންމެ ލަގްޒަރީ ހައުސިންގ މަޝްރޫޢު


ހުޅުމާލޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ލަގްޒަރީ ހައުސިންގ ޕްރޮޖެކްޓް، "އަސޭރިއާ" ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ބެޗް ކޮންސްޓްރަކްޝަންއާއި ދެމެދު ސޮއިކޮށްފިއެވެ. އެޗް.ޑީ.ސީއާ ބެޗް ކޮންސްޓްރަކްޝަންއާއި ދެމެދު ސޮއިކޮށްފައިވަނީ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ބިން ޙަވާލުކުރުމަށެވެ.

"އަސޭރިއާ" ޕްރިމިއަމް ވިލާ ތަރައްޤީކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައިި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދެވެ.

ލަގްޒަރީ ހައުސިންގއަށް ޚާއްސަ މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، އެޗް.ޑީ.ސީން ތަރައްޤީކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑްއާއި ކައިރި ބިމެއްގައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބެޗް ކޮންސްޓްރަކްޝަންއަށް ވަނީ 300000 (ތިން ލައްކަ) އަކަފޫޓުގެ ބިމެއް ޙަވާލުކޮށްފައެވެ.

މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫޢުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޓައުންހައުސް އަދި ޑުޕްލެކްސް ޓައުންހައުސް ތަޢާރަފް ކުރެވޭނެއެވެ. މިގޮތުން ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެއެވެ. އަދި މި އިމާރާތް ހުންނާނީ 1200 އަކަފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ފަރުމާ ކުރެވިފައެވެ.

މީގެ އިތުރުން، ސެމީ ގާރޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަރހުޑް، ރެސިޑެންޓް ބަގީޗާ، ގާރޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ޚިދުމަތްތައް މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި އެކްސްކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރ، ރިކްރިއޭޝަން ސެންޓަރ، މަލްޓި ޕަރޕަރސް އިވެންޓް ހޯލާއި، ކޮމަރޝަލް ކޮމްޕްލެކްސްގެ ޚިދުމަތްވެސް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުއާއެކު ލަގްޒަރީ ލިވިންގ ތަޢާރަފްވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ.

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފް ވިދާޅުވީ. މި މަޝްރޫޢު ވެގެންދާނީ ބޯހިޔާވަހިކަމުގެ ދާއިރާއިން ލަގްޒަރީ ފެންވަރުގައި ހުޅުމާލޭގައި ކުރިއަށްގެންދާ އެންމެ ބޮޑު، އެންމެ ތަފާތު އެއް މަޝްރޫޢުއަށްކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ހުޅުމާލެއަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާވެސް ލިބޭނެކަމަށެވެ.

"ހުރިހާ ފަންތިއެއްގެ މީހުން މުޖުތަމަޢުގައި އެބައުޅޭ. މިއިން ކޮންމެ ފަންތިއަކަށްވެސް ޢަމާޒުކޮށް ބޯހިޔާވަހިކަން ހިންގުން އެޗްޑީސީގެ އަމާޒަކީ. އަދި ޚިދުމަތްތައްވެސް މިގޮތަށް ޤާއިމުކުރެވެނީ" އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އާތިފް ވިދާޅުވިއެވެ.

ބެޗް ކޮންސްޓަރަކްޝަންއަކީ އިމާރާތްކުރުމުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. އެ ކުންފުނިން މިހާތަނަށް 220 މިލިއަން ރުފިޔާގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާފައިވެއެވެ.

އެޗްޑީސީން ދެކޭގޮތުގައި މި މަޝްރޫޢުވެގެންދާނީ ހުޅުމާލެއަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުއަކަށެވެ.