ޚަބަރު

އަމިއްލަ 2 ކުންފުންޏަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 މިސްކިތް ބިނާކުރަނީ


އަމިއްލަ ދެ ކުންފުންޏެއްގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތް ބިނާކުރުމަށް ބިން ޙަވާލުކޮށްފިއެވެ. ކުންފުނީގެ އިޖުތިމާޢީ ޒިންމާގެދަށުން ހުލުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތް ތަރައްޤީކުރާ ދެ ކުންފުންޏަކީ ސަން ފްރަންޓާއި، ވެލިގާ ހާރޑްވެއަރއެވެ.

ސަން ފްރަންޓުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ މިސްކިތަކީ ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒުކޮށްދޭހެން ފަރުމާކޮށްފައިވާ މިސްކިތެކެވެ. މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ސަން ފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝާދު އާދަމެވެ.

މިސްކިތް ބިނާކުރުމަށް 22900 އަކަފޫޓޫގެ ބިމެއް ހުޅުމާލޭ ދެވަނަ ފިޔަވަހިން ވަނީ ކަޑައަޅާފައެވެ. މިއީ 2000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް، މިސްކިތުގެ ބޭރުގައި ޢީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެކެވެ. މީގެއިތުރުން، މި މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުޟޫޢުކޮށް ނަމާދު ކުރެވޭނެއެވެ. އަދި ކަރަންޓު ދިނުމަށް އިރުގެ ހަކަތަ، މި މިސްކިތުގައި ބޭނުންކުރެވޭނެއެވެ.

އިޖްތިމާޢީ ޒިންމާގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެން މިސްކިތް ބިނާކުރާ ކުފުންޏަކީ ވެލިގާ ހަރޑްވެއަރއެވެ.

މި މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ވެލިގާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަބޫބަކުރުއެވެ.

ޒަމާނީ ރީތި ފަރުމާއަކަށް ބިނާކުރާ މި މިސްކިތް އެޅުމަށް 15400 އަކަފޫޓުގެ ބިމެއް ހުޅުމާލޭ ދެވަނަ ފިޔަވަހިން ވަނީ ކަނޑައަޅާފައެވެ. މިއީ މިސްކިތުގެ އެތެރެއާ ބޭރު ހިމެނޭހެން 2200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގައި އަންހެނުން ނަމާދުކުރުމަށް ޚާއްސަ ބައެއްވެސް ހުންނާނެއެވެ.

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފް ވަނީ، ހުޅުމާލޭގައި މިސްކިތް ބިނާކުރުމަށް ކުންފުނިތަކުން ބަހައްޓާ ޝައުޤުވެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"ޕްރައިވެޓް ސެކްޓަރއިން ހިލޭ، ކުންފުނީގެ ސީއެސްއާރްގެ ދަށުން ހުޅުމާލޭގައި އެކި މަސައްކަތްތައް ކުރުމަށް ބޮޑު ތަރުޚީބެއް ލިބޭ. ދީނީ ކަންކަން ކުރިއެރުވުމަށް ދޭ ސަމާލްކަން ބޮޑު" އާތިފް ފާހަގަކުރެއްވިއެވެ.

ހުލުމާލޭ ދެވަނަ ފިޔަވަހީގައި މީގެކުރިންވެސް އަމިއްލަ ކުންފުންޏާކުން ވަނީ މިސްކިތެއް ބިނާކޮށްފައެވެ. އަދި ސަރުކާރުން އިތުރު ދެ މިސްކިތް ތަރައްޤީކުރުންވެސް، މިހާރު ކުރިއަށްދެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިވަގުތު ބޭނުންކުރަމުންދަނީ މީހުން އާބާދުވި ސަރަޙައްދުތަކުގައި ހަދާފައިވާ ވަގުތީ މިސްކިތްތަކެކެވެ.