ދީން

ޤަތަރު ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ތަޤްރީރުކުރައްވައިފި


މުޖުތަމަޢެއް ތަރައްޤީވެ ކުރިއަރާ ދިއުމަށް އެންމެ ފުރަތަމަ ޝަރުޠަކަށް ވާންޖެހޭނީ އަމަން އަމާންކަން ޤާއިމުވެފައި އޮތް މުޖުތަމަޢަކަށް ހެދުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ އިންޓަރފެއިތް ޑައިލޮގް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުންނެވެ.އިސްލާމިކް މިނިސްޓަރ ކުރެއްވި ތަޤްރީރުގައި ވިދާޅުވީ، ފިކުރީ އަމާންކަމަކީ ވިސްނުމާ ފިކުރު ތަރައްޤީ ކުރުމަށް މުހިންމު ބައެއްކަން ބަޔާން ކޮށްދެއްވުން ކަމުގައެވެ. އަދި ފިކުރީ އަމާންކަން އޮންނާނީ ހަރުކަށިކަމެއް ނެތް އިންސާނީ އަގުތަކާއި ރަގަޅު ކަންތައްތައް އެކުލެވޭ ލަނޑުދަނޑިތައް ޙާޞިލު ކުރެވިގެންކަމަށް ވިދާޅުވިއެވެ. މުސްލިމުން މިކަމަށްޓަކައި ދީނީ ތަޢުލީމަށް އަހުލުވެރި ކުރުވުމާއި އިސްލާމީ ސަޤާފަތާއި ޙަޟާރަތް ކުރިއެރުވުމާއެކު ދީނީ ވަޙްދަތު ހިފެހެޓުން މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.ދޯހާގައި މިއަދުން ފެށިގެން މާދާމާގެ ނިޔަލަށް ކުރިއަށްދާ މިކޮންފަރެންސްގައި ރާއްޖެއިން ހުށަހަޅާ ކަރުދާސް މާދަމާ ހުށަހަޅުއްވާގޮތަށްވަނި ހަމަޖެހިފައެވެ.ދޯހާ އިންޓަރ ފެއިތުޑައިލޮގްގެ 12 ވަނަ ކޮންފަރެންސް މިއަދު ހުޅުއްވައިދެއްވީ ޤަޠަރުގެ މިނިސްޓަރ އޮފް ޖަސްޓިސް ޑރ. ޙަސަން ބިން ލަޙްދާން އަލްމުހަންނަދީއެވެ.