ކުޅިވަރު

މިޑްފިލްޑަރ އާރިފްގެ ވާހަކަތަކަށް ކޯޗް ރައްދުދީފި


ޤައުމީ ފުޓްބޯޅަ ޓިމްގެ ކޯޗް ރިކީ ހާރބާޓަށް ތަޖުރިބާކާރު މިޑްފިލްޑަރ މުޙައްމަދު އާރިފް މީޑިއާގައި ކިޔާފައިވާ ފާޑުކިޔުންތަކަށް ކޯޗް ރިކީ ހާރބާޓް ރައްދުދީފިއެވެ. މިހާރު ޤައުމީ ޓީމާއި ހަވާލްވެގެންހުރި ރިކީ ހާރބާޓަކީ އެމަގާމުގައި ހުރުން އެކަށީގެންވާ ކޯޗެއް ނޫންކަމަށް ތަޖުރިބާކާރު މިޑްފިލްޑަރ މުޙައްމަދު އާރިފް ބުނެފައިވަނީ ސާފް ގޭމްސްގެ ސެމީ ފައިނަލުގައި ނޭޕާލްއަތުން ދިވެހިރާއްޖެ ބަލިވި މެޗަށްފަހުގައެވެ. ނިއުޒީލަންޑަށް އުފަން ކޯޗް ރިކީ ހާރބާޓް ބުނީ އާރިފް އޭނާއާއި ގުޅޭގޮތުން އެދެއްކިވާހަކައަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށާއި، މިދިޔަ ދެ އަހަރު އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާ ކުޅުންތެރިޔަކު އެފަދަ ވާހަކައެއްދެއްކުމަކީ އެންމެ އެކަށީގެންނުވާ ވަގުތުގައި ދެއްކި ބޭކާރު ވާހަކައެއްކަމަށެވެ. ކޯޗް ބުނީ އާރިފް ކުޅެމުންދިޔަ މަގާމަށް އިތުރު ކުޅުންތެރިއަކަށް ވާދަނުކުރެވޭނެކަމަށް އާރިފަށް ހީވެފައިއޮތަސް މިހާރު އެކަން ބަދަލުވެއްޖެކަމަށާއި، އާރިފްގެ މިވާހަކަތަކަކީ ޓީމުން އޭނާއަށް މިހާރު ފުރުސަތު ނުލިބޭކަން އެނގުމުން ދެއްކި ވާހަކަތަކެއްކަމަށެވެ."ވަރަށް ޒިންމާދާރުކަންކުޑަ ވާހަކަތަކެއްމީ، މިދިޔަ ދެ އަހަރު ރަނގަޅު ކުޅުމެއް ދެއްކުނު ކުޅުންތެރިއެއް ނޫންމީ، އަނެއްކޮޅުން ގައުމުން ބޭރުގައިވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު. ގައުމީ ޓީމުން ދެން އޭނާއަށް ފުރުސަތު ނުލިބޭނެކަން ޔަގީންވެގެން ދެއްކި ވާހަކަތަކެއްކަމަށް ބޮޑަށް ބެލެވެނީ." ކޯޗް ބުންޏެވެ.ކޯޗް ރިކީ ހާރބާޓްގެ އިރުޝާދުގެ ދަށުން ދެ މަސް ތެރޭގައި ތިން މުބާރާތެއްގެ ސެމީ ފައިނަލުން ދިވެހި ޓީމް ކަޓައިގެންދިޔުމުން، ގިނަ ބަޔަކު އަންނަނީ ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި ފާޑުކިޔުންތަކަށް ރައްދުދެމުން ހާރބާޓްބުނީ ތިން މުބާރާތަށްވެސް ދިޔައީ ތެޅި ފޮޅިގެންކަމަށާއި، ސެމީ ފައިނަލްގައި ބަލިވާ ވާހަކަދައްކައި އޭނާއާއި ދިމާއަށް އިނގިލިދިގުކުރަން އަދި އަވަސްކަމަށެވެ. ކޯޗް ބުނީ ރާއްޖޭގައި ތިބިި އެންމެ ސީނިއަރ މޮޅު ކުޅުންތެރިންނާއިއެކު 2010 ން 2014 އަށް ދިވެހި ޓީމަށް ދެވޭ އެންމެ ދުރު ހިސާބަކީީ ސެމީ ފައިނަލްކަމަށާއި، ބައިނަލްއަޤްވާމީ މެޗުތަކަށް އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައިނުވާ ޒުވާން ކުޅުންތެރިންނާއިއެކު ޓީމް ސެމީން މިހާރުވެސް ޖާގަ ހޯދާކަމަށެވެ. އެހެންކަމުން ޓީމަށް ލިބޭ ކުރިއެރުން ފެންނަކަމަށާއިި، މީހަކު އެހެން ކިޔާ ފާޑަކުން އޭނާ ކުރަން އައި ކަންތަކަށް ހުރަހެއް ނޭޅޭނެކަމަށް ކޯޗް ބުންޏެވެ."ރާއްޖޭގެ އެންެމެ މޮޅު ކުޅުންތެރިންނާއިއެކު ކުރިން ހަމަ ރާއްޖެއަށް ދެވެނީ ސެމީ ފައިނަލަށް. މިހާރު އަހަރެން ޓީމް ސެމީއަށް މިގެންގޮސްދެނީ މުޅިން އާ ކުޅުންތެރިންނާއިއެކު. އެހެންވީމަ ޓީމަށް ކުރިއެރުން އެބަލިބޭ. މިސާލަކަށް ނޭޕާލްއަށް ބަލާލިޔަސް، ސުޒުކީ ކަޕްގައި އެމީހުން ސެމީއަށް ނުދޭ. އެހެން ނަމަވެސް ބަންގްބަންދު ގޯލްޑް ކަޕްގައި އަދި ސާފް ގޭމްސްގައި އެއޮތީ ކާމިޔާބު ހޯދާފައި. އެއީ މުސްތަޤްބަލަށް ވިސްނާތީ" ކޯޗް ބުންޏެވެ.ކޯޗް ބުނީ މެޗަކުން ބަލިވުމުން ދިވެހި ސަޕޯޓަރުން ދެރަވާނެކަންވެސް ޤަބޫލުކުރާކަމަށާއި، މިފަހަރު ޓީމު ސެމީފައިނަލުން ބަލިވުމުގެ ޒިންމާ އޭނާ ނަގާކަމަށެވެ. ދިވެހި ފުޓްބޯޅައިގެ މުސްތަޤްބަލް އުޖާލާކަމަށާއި، ސަޕޯޓަރުން ކެތްތެރިވުމަށް ކޯޗް ވަނީ އެދިފައެވެ.