ޚަބަރު

ޑިޒްނީ ޕްލަސް ހޮޓް ސްޓަރގެ އާ ޝޯވއެއް، މިފަހަރު މަލައިކާ އާއިއެކު


ކަރަން ޖޯހަރު ގެނެސްދޭ ޓޯކް ޝޯވ "ކޮފީ ވިތް ކަރަން" ގެ 7 ވަނަ ސީޒަނަށްފަހު ޑިޒްނީ ޕްލަސް ހޮޓް ސްޓަރ އިން އަނެއްކާވެސް އައު ޝޯވއެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

ޑިޒްނީ އިން މިފަހަރު ގެނެސްދޭ ޝޯވއަކީ ބޮލީވުޑް ތަރި މަލައިކާ އަރޯރާ ހޯސްޓުކޮށްދޭ ޝޯވއެކެވެ. "މޫވިން އިން ވިތް މަލައިކާ" ގެ ނަމުގައި ގެނެސްދޭ މި ޝޯވގައި މަލައިކާގެ ހަޔާތުގައި ހިނގާފައި އަދި ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކާނެއެވެ.

ބަނިޖޭ އޭޝިއާ އިން ޕްރޮޑިއުސްކުރާ މި ޝޯވގައި ގެސްޓް އެޕިއަރެންސްގެ ގޮތުގައި މަލައިކާގެ އާއިލާގެ މީހުންނާއި ރައްޓެހިންވެސް ފެންނާނެއެވެ. ޑިޒްނީގެ ވެރިޔާ ގޯރަވް ބަންރެޖާ ބުނިގޮތުގައި މި ޝޯވއަކީ "ކޮފީ ވިތް ކަރަން" ގެ 7 ވަނަ ސީޒަނަށްފަހު އަނެއްކާވެސް ހަމަ އެހާ ހިތްގައިމު ޝޯވއެއް ބެލުންތެރިންނަށް ގެނެސްދިނުމުގެ ގެންނަ އެއްޗެއް ކަމަށެވެ.

ޝޯވއާއި ބެހޭގޮތުން މަލައިކާ ބުނީ މިއޮތް ހުރިހާ ދުވަހަކު ފޭނުންނަށް އޭނާ އެގެނީ ސޯޝަލް މީޑިއާ މެދުވެރިކޮށްކަމަށެވެ. ނަމަވެސް މި ޝޯވ މެދުވެރިކޮށް ފޭނުންނާއި އޭނާ އާއި ކައިރިން ބައްދަލުވާނެ ކަމަށް މަލައިކާ ބުންޏެވެ.

"މޫވިން އިން ވިތް މަލައިކާ" ދައްކަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.