ޚަބަރު

ޖުމްހޫރިއްޔަތަށް 54 އަހަރު: ރައްޔިތުންގެ ބާރު ހިނގާ ވެރިކަމެއް


ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކެވެ. ރައްޔިތުން އިންތިޚާބު ކޮށްގެން ރައްޔިތުންނަށް ޓަކައި ރައްޔިތުން އެދޭގޮތަށް ސަރުކާރު ހިންގާ ވެރިކަމެވެ. ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަމެއްވެސް ނިންމާނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުޞޫލުތަކުންނެވެ. އެ އުސޫލުތައް ވާނީ އެ ޤައުމެއްގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ބަޔާންވެ އެނގެން އޮންނަ އުޞޫލުތަކަކަށެވެ.

ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފުކޮށްދެއްވައި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކަށް ވެވަޑައިގެންނެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެއީ މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީއާއި ދެބޭފުޅުން އެއްފަހަރާ އިސްތިޢުފާ ދެއްވުމަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލުތަކުގެ ތެރެއިންނެވެ.


އޭގެ ފަހުން ރަސްކަމުގެ ތަހުތު ހުހަށް ހުންނަތާ ގިނަ ދުވަސްތަކެއް ހޭދަވެ ވެރިކަމުގެ ނިޒާމާއި ގުޅޭ ބަހުސްތަކަށް ފަހު، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމަށް ނިންމުނެވެ. ނަމަވެސް ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅު ވެވަޑައުނުގެންނެވިއެވެ. އެހިސާބުން ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ނަޒަރަކުން ފެށުނެވެ. މި މަޝްވަރާތަކަށް ފަހު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވީ 1 ޖެނުއަރީ 1953 ގައެވެ. އެހެންނަމަވެސް މި ޖުމްހޫރިއްޔާ އަދި މުޙައްމަދު އަމީނުގެ ވެރިކަން ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހުއެވެ. 7 މާރިޗު 1954 ގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރަސްކަމަކަށް ބަދަލުވެއްޖެއެވެ.


މިއަދު ރާއްޖޭގައި ފާހަގަކުރާ 54 ވަނަ ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެމިއޮތުމެވެ. ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ނޮވެމްބަރު 11، 1968 އެވެ. ފުރަތަ މަޖުމްހޫރިއްޔާއާ ޚިލާފަށް ދެވަނަ ޖުމްހޫރިއްޔާއުފެދުނީ ރާއްޖެއަށް މިނިވަންކަން ލިބިފައި އޮތުމާއެކު ޖުމްހޫރީވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގަތީ އެހާތަނާ ހަމައަށް ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އިބްރާހިމް ނާސިރެވެ.

ނާސިރު ވަނީ ނޮވެމްބަރު ،11 1968 އިން ނޮވެމްބަރު ،11 1978 އަށް 10 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވާފައެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ މައުމޫންއަބްދުލްގައްޔޫމެވެ. ދިގު 30 އަހަރު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު ވަނީ ރާއްޖެއަށް އުންމީދީ އެތައް ބަދަލުތަކެއް ގެންނަވާފައެވެ. އެމަނިކުފާނުގެ 30 އަހަރު ނިމިގެން ދިޔައީ ދިވެހިރާއްޖެއަށް ދިމިގްރާތީ ނިޒާމު ތައާރަފްވެ އަނެއްކާވެސް ރާއްޖޭގެ ވެރިކަން ކުރާނެ ނިޒާމަކާއި މެދު ނެގި ފެންނަ ނުފެންނަ ވޯޓަކަށް ފަހުއެވެ.


ރިޔާސީ ނިޒާމާއި ބަރުލަމާޒީ ނިޒާމާއި މެދު ނެގުނު ވޯޓަށް ފަހު ޕާޓީ ސިސްޓަމްގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ ނިޒާމުގެ ތެރެއިން 5 އަހަރު ވެރިކަންކުރަން ލިބިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަނުވަނީސް ފެބުރުއަރީ 7، 2012 ގައި މަގާމުން އިސްތިއުފާ ދެއްވީ އެވެ.

އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނަކީ އޭރު ރައީސް ނަޝީދުގެ ނައިބެވެވެ. ރައީސް ނަޝީދުގެ ދައުރުގެ ބާކީ ދުވަސްތައް ފުރިހަމަކުރެއްވުމަށް ފަހު ދެން އައި އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު ވަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައެވެ.

2008 ވަނަ އަހަރުން ފެށިގެން ޑިމޮކްރަސީގެ ރީތި އުސޫލުރައް މަތީ ދެމި އޮތް ގައުމުގައި އޭރުގެ "އިދިކޮޅު" ގެ އަޑު ކަނޑުވާލައި ޖަލު ގޮޅިތަކުން ޖާގަދީ އެތައް އަހަރެއް އެހެން ހޭދަވުމަށް ފަހު ގައުމުގެ މިހާލަތު ބަދަލުވީ އިންސާފާއި މިނިވަންކަމަށް އެދި 2018 ވަނަ އަހަރު ރައްޔިތުން ލީ ވޯޓުންނެވެ. ރާއްޖޭގައި މި ނިޒާމުން ވެރިކަން ފެށުނީއްސުރެއް ރިޔާސީ އިންތިޚާބެއް އެއް ބުރުން ކާމިޔާބުކުރެއްވި ހަމައެކަނި ރައީސަކަށް ވެވަޑައިގެންނެވި، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސްކަން ކުރައްވަމުން އަންނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.


ޖުމްހޫރިއްޔާގެ ތެރެއިން ގައުމުގެ ވެރިކަން ކުރައްވާފައިވާ ދެ ރައީސުންވެސް ހިމެނިވަޑައިގަންނަވާ ބޮޑު ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފަސް އަހަރުގެ ދައުރުވެސް މިހާރު މި ވަނީ އޭގެ އެންމެ ފަހު އަހަރު ގުނަން ފަށާފައެވެ. މި ފަސް އަހަރަށް ނަޒަރު ހިންގާލާއިރު، އެމަނިކުފާނުގެ ވައުދުނާމާގެ ތެރެއިން ގިނަ ވަޢުދުތަކެއް ވަނީ ފުއްދަވާފައެވެ.

ޖަޒީރާ ވެރިކަމެއް ކުރައްވަމުން ގެންދަވާ ރައީސް ޞާލިޙް ވަނީ ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ދިގު ތާރީހުގައި ވެސް ރައްޔިތުންނަށް ނުފުދި ހުރި އަސާސީ އެތައް ކަމެއް ފުރިހަމަކޮށްދެއްވާފައެވެ. އަރޮޅުތެރޭގެ ފެނާއި ނަރުދަމާއިން ފެށިގެން ގޮސް، މުޅި ރާއްޖެ ގުޅާލާ ދަތުރުފަތުރުގެ ނިޒާމާއި، ރާއްޖޭގެ ހުރިހާ ހިސާބަކުން ޓާޗަރީ ފެންވަރުގެ ސިއްހީ ޚިދުމަތް ވެސް މި ފަސް އަހަރު ނިމޭ އިރު ރައްޔިތުންނަށް ޔަޤީންކޮށްދެއްވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޑިމޮކްރަސީގެ ރީތި އުސޫލުތައް މަތީ ގައުމު ހިންގަވަމުން އަންނަ ރައީސް ޞާލިޙުގެ ވެރިކަމުގައި "އިދިކޮޅު" ގެ އަޑަކީ އިވޭ އަޑެކެވެ. މީޑިއާތަކާއި އާންމުންނަށް ވެސް ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ހޯދައިދީފައިވާއިރު، ރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅުކޮށް މަސައްކަތްތެރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް މުޅި ރާއްޖެއިން އޮތީ ފެންނާށެވެ.

ޖުމްހޫރީ ވެރިކަމުގެ 7 ވަނަ ރައީސަކު އައްޔަންކުރުމަށް ނެގޭ ވޯޓު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގައެވެ.