ޚަބަރު

އީމާންކަން ވަރުގަދަކުރެވޭނެ އެންމެ މުހިއްމު ވަޞީލަތަކީ ކީރިތި ޤުރްއާން: ޚުޠުބާ


އަހަރުމެންގެ ބަލިކަށިވެފައިވާ ޢަޤީދާއާއި، އީމާންކަން ވަރުގަދަކުރަން ހިފަން އޮތް އެންމެ މުހިއްމު ވަސީލަތަކީ ކީރިތި ޤުރްއާންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ގިނަގިނައިން ޤުރްއާން ކިޔަވައި، އޭގެ އާޔަތްތަކާމެދު ވިސްނައި ތަދައްބުރު ކުރުމަކީ، މާތްﷲ އާމެދު އޮންނަ ޔަޤީންކަން ފުރިހަމަވެ، އީމާންކަން ވަރުގަދަވާ ކަމެއްގެގޮތުގައި މިއަދުގެ ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "އީމާންކަން ހަރުދަނާކުރުން" މި މަޢުޞޫއަށެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، އިންސާނާގެ ޙަޤީޤީ ކާމިޔާބީއާއި، ބާއްޖަވެރިކަން ވަނީ މާތްﷲ އަށް ފުރިހަމަ މާނާގައި އިމާންވުމުގައިކަމަށެވެ. އަދި އީމާންކަމަކީ އިސްލާމްދީނުގެ އަސާސްކަން ފާހަގަކުރައްވާ، ދުންޔަވީ ޙަޔާތުގެ އުފަލާއި، އަރާމާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާކޮށްގެންކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައިވެސް މިހާރު ޢާއްމުވަމުންދާ އިޖްތިމާޢީ ބޮޑެތި މައްސަލަތަކަށް އިޝާރާތްކުރައްވާ، ދުންޔަވީ އެދުންތަކުގެ ތެރެއަށް އިންސާނުން ޣަރަޤުވެފައި ތިބި މިފަދަ ދުވަސްވަރެއްގައި، އީމާންކަން ހަރުދަނާކޮށް، ވަރުގަދަކުރުމަށް ގަދައަޅައި މަސައްކަތްނުކޮށްފިނަމަ، ތިމާގެ އީމާންކަން ބަލިކަށިވެ، ނުބައި މަގުން ދެވުމަކީ ވަރަށް ގާތްކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި އިންސާނާގެ ޢަމަލުތަކަކީ އޭނާގެ އީމާންކަމަށް އަސަރު ފޯރުވާ ކަންކަންކަމުގައި ވިދާޅުވިއެވެ.

"މިއަދު އަހަރެމެންގެ މުޖްތަމަޢުގައިވެސް ތަޅާފޮޅުމާއި، މާރާމާރީ ވަނީ ޢާއްމުވެފައި. ވައްކަމާއި، ޚިޔާނާތާއި، މަކަރުހެދުމާއި، އެކަކު އަނެކަކަށް ފުރައްސާރަކުރުން ވަނީ އިތުރުވެފައި. ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތައް ވަނީ ޙައްދު ފަހަނައަޅައިގޮސްފައި. މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ވަނީ ޢާއްމުވެފައި. މިފަދަ ޢަމަލުތަކަށް އަރައިގަނެވޭ ސަބަބަކީ މާތްﷲ ހަނދުމަކުރުމުން އެއްކިބާވުން. އީމާންކަން ބަލިކަށިވުން" ޚުޠުބާގައި ވިދާޅުވިއެވެ.

އަހަރުމެންގެ މުޖްތަމަޢު ފާޙިޝު ޢަމަލުތަކާއި، ކުށްތަކުން ސަލާމަތްކޮށް، އިޞްލާޙުކުރެވޭނީ މާތްﷲ އާއި، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެ، އަޤީދާ ވަރުގަދަކޮށްގެންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ، އަޅުންތަކުންނާއި އެކަލާނގެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމުގެ މައްޗަށްވެސް މިއަދުގެ ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ޢިލްމުވެރިން ވިދާޅުވާގޮތުގައި ދީނުގެ ޢަޤީދާއާއި އީމާންކަމުގެ ފުރިހަމަކަން ޙާޞިލުވާނީ ގިނަގިނައިން ޤުރްއާން ކިޔަވައި، އޭގެ އާޔަތްތަކާމެދު ރަނގަޅުގޮތުގައި ވިސްނާ ތަދައްބުރުކޮށްގެންކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"އަހުރެމެންގެ ބަލިކަށިވެފައިވާ ޢަޤީދާއާއި، އީމާންކަން ވަރުގަދަކުުރުމަށް ހިފަން އޮތް އެންމެ މުހިއްމު ވަސީލަތަކީ ކީރިތި ޤުރްއާން. ކީރިތި ޤުރްއާން ކިޔަވައި، އޭގެ އާޔަތްތަކާމެދު ވިސްނައި ފިކުރު ހިންގުން. ކީރިތި ޤުރްއާނުގައިވާ އީމާޏްކަމާއި، ވަޢުދާއި، ވާޢިދުގެ ބަސްފުޅުތަކާއި، ޙުކުމްތައް އުނގެނުން" ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި ޤައުމުގެ ތަޢުލީމީ ފަލްސަފާއާއި، ޤައުމީ މަންހަޖު ހަރުދަނާކޮށް، ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް، އެ މަންހަޖު ތަންފީޛު ކުރެވޭނެގޮތްތަކެއް ރާވަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކުންދިންގެ ހިތްތަކުގައި ދީނީ ޢަޤީދާ ވަރުގަދަވާނެގޮތްތަކެއް ވިސްނަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ އިސްލާމީ އުއްމަތް ބިނާކޮށް ތަރައްޤީކުުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއްކަމުން، އެމީހުންނަށް ދެވޭ ތަރުބިއްޔަތާއި، ތަޢުލީމުގެ މިސްރާބު ހުރިނެތްގޮތް ވަޒަންކޮށްލަންޖެހޭކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އަހަރެމެންގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށްކަން ފާހަގަކުރައްވާ، އަހަރެމެންގެ ގެއާއި، ސްކޫލް މަދަރުސާތަކުގެ ވެށްޓަކީވެސް ދަރިވަރުންގެ އީމާންކަމާއި، ޢަޤީދާ ހަރުދަނާކޮށް ވަރުގަދަކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހޭކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.