ޚަބަރު

އަޒްހަރުގައި ކިޔަވަމުންދާ ދަރިވަރުންނާއި ނާއިބު ރައީސް ބައްދަލުކުރައްވައިފި


މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލުކުރައްވައިފިއެވެ.

ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ ވަނީ، ހާލު އޮޅުންފިލުއްވައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދަރިވަރުންވަނީ ސަރުކާރުން މަތީ ތަޢުލީމުގެ ފުރުސަތު ފަހިކުރުމަށް ދެމުންދާ، ސްޓޫޑެންޓް ލޯނާ ގުޅިގެން ދިމާވަމުންދާ މައްސަލަތަކާއި، އެނޫންވެސް ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ފަހިވެފައިވާ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ މުހިންމުކަންވަނީ ފާހަގަކުރައްވަފައެވެ. އަދި ދަރިވަރުންގެ ފަރާތުން ނައިބު ރައީސްއަށް ހުށަހެޅި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ނައިބު ރައީސް ފައިސަލް ނަސީމްވަނީ ވިދާޅުވިއެވެ.

އަޒްހަރު ޔުނިވަރސިޓީއަށްކުރެވު ޒިޔާރަތުގައި ނައިބު ރައީސްވަނީ އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސަރ ޝައިޚް އަޙްމަދު އަލްޠައްޔިބާއި ބައްދަލުކުރައްވާފައެވެ. އަދި އަޒްހަރު ޔުނިވަރސިޓީއިން ރާއްޖެއަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިޞްރަށް ވަޑައިގެން އުޅުއްވަނީ މިޞްރުގެ ޝަރްމުއްޝެއިޚްގައި ކުރިޔަށްދާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނޭ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27)ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.